އާސަހަރާގެ ތިރީ ބައިގެ މަރާމާތުކޮށް ނިމިފައިވާތީ މިއަދުގެ ހުކުރު ނަމާދަށްފަހު އެ ބައި ހުޅުވަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އާސަހަރާއަށް ވަޑައިގެން އެތަން ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތައް ބައްލަވައިލެއްވުމަށްފަހު އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަސް ނިމުމުގެ ކުރިން، އާސަހަރާ މިސްކިތުގެ މަތީ ބަޔާއެކު އެއްކޮށް ނިމި، ކުރިއެކޭވެސް އެއްގޮތަށް މާލޭގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންތައް އާސަހަރާގައި ބޭއްވޭނެ ކަމަށެވެ.

"މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާތައް ބޭއްވުމަށް ހުޅުމާލެއަށް މިހާރު ދާން ޖެހުމުގެ ސަބަބުން، ރައްޔިތުންނަށް ދިމާވެފައިވާ އުނދަގޫތަކަށް، މިކަމުގެ ސަބަބުން ނިމުމެއް އަންނާނެ ކަމަށް އުންމީދު ކުރަން،" އާޒިމް ވިދާޅުވިއެވެ.

މަރާމާތަށް އާސަހަރާ ބަންދުކޮށް، ވަގުތީ ގޮތުން ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލާ ގޮތަށް ހަމަޖެއްސީ މިދިޔަ އަހަރުގެ މެއި މަހުއެވެ.

އާސަހަރާ މިސްކިތުގެ މަރާމާތުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން އާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ އާސަހަރާ މިސްކިތުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރި ކުންފުނި އަތުން އެ މަސައްކަތް ނަގަން ޖެހުނީ ސްރަކްޗާ މަސައްކަތްތައް ރަނގަޅަށް ކުރަމުންނުދާތީ ކަމަށެވެ. އަދި އެ ފަހުން އާސަހަރާ މިސްކިތުގެ މަސައްކަތް ލަސްވީ އެ ތަނުގެ ކުރެހުމަށް އެކި ބަދަލުތައް ގެންނަން ޖެހުމުގެ ސަބަބުން ކަމަށް ވިދާޅުވެފައިވެއެވެ.

އަދި އާސަހަރާ މިސްކިތް މަރާމާތުކުރުމަށް ޖުމުލަ 71.7 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.