ގިނަ ޓްރާންސްފާތަކަކާ އެކު ކްލަބަށް ގެއްލުންވެ، އެ ގެއްލުން ކުޑަ ކުރުމަށް ޗެލްސީން އެޓީމުގެ ދެ ހޮޓެލެއް، ވެރިންގެ ކުންފުނިތަކަށް ވިއްކާލި ވިއްކާލުމަކީ އުސޫލާ ހިލާފުވުން ކަމަށް ނުބެލެވޭނެ ކަމަށް ޕްރިމިއާ ލީގުން ނިންމައިފިއެވެ.

ޕްރިމިއާ ލީގުގެ ޕްރޮފިޓް އެންޑް ސަސްޓެއިނިބިލިޓީ ރޫލްސް (ޕީއެސްއާރް) ބުނާ ގޮތުން ޕްރިމިއާ ލީގު ކްލަބަކަށް ތިން އަހަރު ތެރެއިން ވެސް އެންމެ ބޮޑު ގެއްލުމެއް ވާން ޖެހޭނީ 105 މިލިއަން ޕައުންޑެވެ. އެއީ އިންފްރާސްޓްރަކްޗާ އާއި އެކަޑެމީގެ ހަރަދުތަކުގެ އިތުރުން އަންހެން ފުޓުބޯޅައަށް ކުރާ ހަރަދު އޭގައި ނުހިމެނޭ ގޮތަކަށެވެ. އެހެންކަމުން އެއީ ސީނިއާ ފިރިހެން ޓީމުތަކަށް ކުރާ ޓްރާންސްފާތަކުގެ އިތުރުން އެ ޓީމުގެ ކުޅުންތެރިންގެ މުސާރަ އާއި އެހެނިހެން ހަރަދުތައް ކޮންޓްރޯލް ކުރުމަށް ހަދާފައިވާ އުސޫލެކެވެ.

ޗެލްސީގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކީ މިހާރު ކްލިއާލޭކް ކެޕްޓަލްއެވެ. އެ ކުންފުނީގެ ދަށުން ޗެލްސީ ހިންގުމަށް ތަފާތު ސަބް ކުންފުނިތައް ހަދާފައިވާ އިރު، ޗެލްސީން މިއަހަރު އޭޕްރީލް މަހު އެ ކްލަބުގެ ދެ ހޮޓެލް ކަމަށްވާ މިލޭނިއަމް އަދި ކޮޕްތޯނޭ ވިއްކާލީ ޗެލްސީ އެފްސީ ހޯލްޑިވްސް ލިމިޓެޑުން ބްލޫކޯ 22 ޕްރޮޕަޓީސް ލިމިޓެޑަށެވެ. އެއީ ޓޮޑް ބޮއެލީ އާއި ކްލިއާލޭކް ކެޕިޓަލް އޯނާޝިޕްގެ ސިސްޓާ ކުންފުނިތަކެވެ.

ޗެލްސީން އެ ހޮޓެލް ވިއްކާލައިގެން 76.5 މިލިއަން ޕައުންޑްގެ ފައިދާއެއް ކްލަބަށް ހޯދި އިރު، އޭރު ޗެލްސީގެ ގެއްލުން އޮތީ 166.4 މިލިއަން ޕައުންޑްގައެވެ. އެ ހޮޓެލްތައް ވިއްކާލުމާ އެކު އެ ކްލަބުގެ ގެއްލުން ވަނީ 89،9 އަކަށް ކުޑަވެފައެވެ.

ޕްރިމިއާ ލީގުން އެ މައްސަލަ ބެލުމަށްފަހު ނިންމާފައި ވަނީ ޗެލްސީގެ އެ ވިޔަފާރީގައި މައްސަލައެއް ނެތް ކަމަށާއި އެ ހޮޓެލްތައް ވިއްކާފައި ވަނީވެސް މާކެޓް އަގުގައި ކަމަށެވެ.

ޗެލްސީގެ އެ ޓްރާންސެކްޝަނަކީ ޔޫރަޕްގެ މުބާރާތްތަކުގައި ބަލައިގަންނަ ކަމެއް ނޫން ނަމަވެސް، ޕްރިމިއާ ލީގުގައި އަދި އޮންނަ އުސޫލުން އެކަމށް ފުރުސަތު ލިބެއެވެ. އެހެން ނަމަވެސް، ޕްރިމިއާ ލީގުން ބުނެފައި ވަނީ އެ "ލޫޕްހޯލްސް" ތައް ފޫބައްދަން އާ އުސޫލުތަކެއް ހަދައި، ވޯޓަށް އަހަން މަސައްކަތް ކުރާނެ ކަމަށެވެ.