މާލެ ކައިރީގައި އޮންނަ ފަސްގަނޑަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ މ. އަސަރީހަނދާން، ތަސްލީމް މުހައްމަދު ހޯދުމަށް 900،000 މީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެެންޑީއެފްއިން ބުނެފިއެވެ.

އުމުރުން 43 އަހަރުގެ ތަސްލީމް ގެއްލުނީ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ ފަސްގަނޑަކަށް ރައްޓެހިންނާއި އެ މީހުންގެ އާއިލާގެ ބަޔަކާއެކު، މިދިޔަ އޯގަސްޓު މަހުގެ 30 ވާ ހުކުރު ދުވަހުގެ ހެނދުނު ދަތުރު ގޮސް އުޅެނިކޮށެވެ.

އެމްއެންޑީއެފްއިން "ވަން" އަށް ބުނީ ތަސްލީމް ހޯދުމުގެ މަސައްކަތުގައި ކަނޑުގެ 920،000 ސަރަހައްދެއް ބެލިފައިވާ ކަމަށެވެ.

ތަސްލީމް ގެއްލުނު މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ވެސް ފަށައިފައެވެ.

އާއިލާއިން މިއަދު "ވަން" އަށް ބުނީ އިތުރަށް ތަހުގީގު ކުރަންޖެހޭތީ ޖިނާއީ ތަހުގީގުތައް އަދިވެސް ކުރިއަށް ގެންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.

"ޕޮލިހުން ބުނީ ވަރަށް މާސް ބޮޑު ތަހުގީގެއް ހިނގާތީ އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށް،" އާއިލާއިން ބުންޏެވެ.

ދަތުރު ދިޔަ ދުވަހުގެ 10:00 ހާއިރު އޭނާ ގެންދިޔަ ދަބަހާއި ފޯނު އެތަނުން އެކެއްގެ އަތަށް ދިނުމަށް ފަހު "އެބަ އަންނަން" ކަމަށް ބުނެފައި އޭނާ ދިޔައީ އެ ފިނޮޅުގައި ދަތުރު ގޮސް އުޅުނު ސަރަހައްދާ ތަންކޮޅެއް ދުރަށް ކަމަށް އާއިލާއިން ބުންޏެވެ.

ފޯނު ދީފައި ދިޔައިރުވެސް، ތަސްލީމްގެ ފުށުން ތަފާތު އެއްވެސް ކަމެއް ފާހަގަވެފައިނުވާ ދަތުރުދިޔަ މީހުންނާ ހަވާލާދީ އާއިލާއިން ބުނެފައިވެއެވެ.

"އެތަނުން އެކަކު ބުނީ ތިމަންނަ އަތަށް ފޯނާއި ދަބަހާ ދީފަ ބުންޏޭ އެބަ އަންނަމޭ، ސޭންޑް ބޭންކަކީ ތަންކޮޅެއް ބޮޑު ތަނެއް، ތަންކޮޅެއް ދުރަށް ދިޔައީމަ ނުފެންނާނެ. ފާހާނާ ކުރަންވެގެން ދިޔައީ ކަމަށް ބެލެވޭ ކަމަށް އޭނާ ބުނި،" ތަސްލީމުގެ ދައްތަ ބުންޏެވެ.

ވަން" އަށް މައުލޫމާތު ހިއްސާކުރަމުން ދަތުރު ދިޔަ، ތަސްލީމް ބައެއް ރައްޓެހިން ބުނިގޮތުގައި އޭގެ ފަހުން އޭނާ ފެނިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުން އޭނާ ގެއްލުނީ މޫދަށް ކަމެއް ކަށަވަރެއް ނުވެއެވެ.