ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން މިއަދު ބުނީ www.dmrr.mv މެދުވެރިކޮށް ރޯޑް ރެސްގައި ރަޖިސްޓްރީ ކުރެވެން ހުންނާނެ ކަމަށެވެ. އަދި އެ ވެބްސައިޓުން އެ ދުވުމާ ބެހޭ އިތުރު މައުލޫމާތު ލިބެން ހުންނާނެ ކަމަށެވެ. މިމަހުގެ 10 ވަނަ ދުވަހުގެ ރޭ 12:00 ރޯޑް ރޭސްއަށް ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވާނެ ކަމަށް ދިރާގުން ބުންޏެވެ.

ޑީއެމްއާރްއާރް ނުވަތަ ދިރާގު ރޯޑް ރޭސްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމުގެ އިވެންޓު ކަމަށާއި އެގޮތުން މިއަހަރު މި ފާހަގަކުރަނީ އެ ރޭހުގެ 15 ވަނަ އެޑިޝަން ކަމަށް ދިރާގުން ބުންޏެވެ. އެ ދުވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 25 އޮކްޓޫބަރު 2024 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައި ކަމަށް ދިރާގުން ބުންޏެވެ.

"މިއަހަރުގެ ޑީއެމްއާރްއާރްގައި ދިރާގުން ވަނީ މުޅިން އާ އޮފީސް އަދި ރިސޯޓް - 5K ޓީމް އިވެންޓްއެވެ. އެގޮތުން މި ކެޓެގަރީގައި މުއައްސަސާތަކުގެ މުވައްޒަފުންނަށް 4 މީހުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެ އެވެ. ޓީމްތަކުގައި ހުސް ފިރިހެން، ހުސް އަންހެން ނުވަތަ އަންހެން އަދި ފިރިހެން ބައިވެރިންނަށްވެސް ދުވެވޭނެ އެވެ. އަދި މީގެ އިތުރުން ހާފް މެރެތަން، 10K އަދި 5K ގެ އިތުރުން ސްކޫލް 13 އަހަރުން ދަށުގެ 5K އަދި ސްކޫލް 13 އަހަރުން މަތީގެ 5K އަށްވެސް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ،" ދިރާގުން ބުންޏެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް، ޑީއެމްއާރްއާރް 2024އަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެއް ކަމަށް ދިރާގުން ބުންޏެވެ. އެ އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

"އެގޮތުން ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯސްކޮށްފައިވާ 12 އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާއަކަށް އެ ފަރާތްތަށް ރޭވިފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭނެއެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާއާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއްވެސް ހަމަހަމަކޮށް އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށްވެސް އެކުންފުނިން ވަނީ ނިންމާފައެވެ. މިގޮތުން މިދިޔަ އަހަރުގެ ޕާޓުނާ އެންޖީއޯތަކަށް ދިރާގުންވަނީ ޖުމްލަ 635،000 ރުފިޔާ ހަދިޔާކޮށްފައެވެ،" ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މިއަހަރުގެ ރޭހުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ޖުމްލަ 256،000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ޑީއެމްއާރްއާރްއަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުން ކަމަށް ދިރާގުން ބުންޏެވެ.