ރާއްޖޭގެ ކުޅިވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްތަކެއް ކުރެއްވި އަހުމަދު މުހައްމަދު (ދޮނާ) އާއި މުހައްމަދު ނަސީރަށް ކުޅިވަރުގެ ދާއިރާ އިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެއްވައިފިއެވެ.
ގައުމީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ދޮނާއާއި ނަސީރަށް ޝަރަފުވެރިކަމުގެ އިނާމު ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ދޮނާއަކީ އުމުރުން 15 ވަރަކަށް އަހަރުން ފެށިގެން ކުޅިވަރު ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެންމެ ފުރަތަމަ ހޮކީ ކުޅުއްވުމުގެ ތެރެއިން ދޮނާ ފާހަގަވެގެން ގޮސްފައިވާއިރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، އަލްމަރުހޫމް މުހައްދު ޒާހިރު ނަސީރާއެކުވެސް ދޮނާ ވަނީ ކުޅިވަރަށް ހިދުމަތްތައް ކުރައްވައިފައެވެ. އެއީ ޒާހިރު ނަސީރު އުފެއްދެވި އެންއެސްއޭ އެކަޑެމީގައެވެ.
ރާއްޖެއިން ފުރަތަމަ ބައިވެރިވި ބައިނަލްއަގުވާމީ ގޭމްސް ކަމަށްވާ 1979 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހިންގާ ކޮމިޓީގައާއި އެކިއެކި ސަބް ކޮމިޓީތަކުގައިވެސް ދޮނާ މަސައްކަތް ކުރައްވާފައިވާ އިރު، އޭނާގެ އެންމެ ބޮޑު ހިދުމަތެއް ފެނިގެންދިޔައީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު ވެލެންސިއާ އިންނެވެ. އެ ކްލަބު އުފެއްދުމުގައި ދޮނާ މުހިންމު ރޯލެއް އަދާކުރައްވާފައިވާ އިރު، އެ ކްލަބުގެ ސެކެރެޓަރީ ޖެނެރަލެއްގެ މަގާމުގައި 30 އަހަރު ހޭދަކުރެއްވިއެވެ. އެ ދުވަސްވަރު ރާއްޖޭގެ ފުޓުބޯޅައިގެ ރަސްކަންވެސް އެ ކްލަބުން ކުރިއެވެ.
އޭގެފަހުން އެފްއޭއެމްގެ ހިންގާ ކޮމިޓީއާއި ރެފްރީސް ކޮމިޓީގައިވެސް ދޮނާ މަސައްކަތްތައް ކުރެއްވި އިރު، އޭނާއަކީ ބާސްކެޓްގައިވެސް ކުޅުންތެރިއެއްގެ ގޮތުގައިވެސް ވިދާލި އެތުލީޓެކެވެ. އެތުލީޓެއްގެ އިތުރުން އޭނާ ވަނީ ފުޓުބޯޅައާއި ބާސްކެޓްގެ އިތުރުން ވޮލީގެ ރެފްރީކަންވެސް ކުރައްވައިފައެވެ.
ނަސީރަކީ ފުޓުބޯޅައަށް ހާއްސަ ފަރާތެކެވެ. ނަމަވެސް އޭނާ ވަނީ ޓީޓީއާއި ކްރިކެޓްގެ އިތުރުން ހޮކީއާއި ބެޑްމިންޓަން، އެތުލެޓިކްސް، ޓެނިސް، ބާސްކެޓާއި ވޮލީގެ އިތުރުން ބައިސްކަލް ރޭސްތަކުގައިވެސް ކާމިޔާބު ހޯއްދަވައިފައެވެ. ނާސިރަކީ ކްލަބު ލެގޫންސްގެ ފައުންޑިން މެންބަރެކެވެ. އެ ކްލަބު ގައުމީ ފެންވަރުގައި ކާމިޔާބީތައް ހޯއްދެވި އިރު، ނާސިރު ވަނީ ކުޅުއްވުމުގެ އިތުރުން ރެފްރީކަމާއި ލައިސްމަން ކަންވެސް ކުރައްވައިފައެވެ.
އެންމެ މަތީ ފެންވަރުގައި ނަސީރު ކްރިކެޓްވެސް ކުޅުއްވި އިރު، އޭނާ ވަނީ ސަގާފީ ބައެއް ކުޅިވަރުތައް ކުރިއެރުއްވުމުގައިވެސް ހިދުމަތްތައް ކުރައްވައިފައެވެ.
ގައުމީ އިނާމު
ގައުމީ އިނާމު
ގައުމީ އިނާމު
ގައުމީ އިނާމު