މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ ބުދަ ދުވަހު ހުޅުވާލުމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމަށް، ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 25 ވާ ބުދަ ދުވަހުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2.00ގެ ނިޔަލަށް ކަމަށެވެ.

މިއަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށްގެންނެވެ.

އިނާމަށް އެދި ފޯމު ހުށަހަޅާއިރު ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން އެދިފައިވެއެވެ.

ގައުމީ އިނާމަށް މިއަހަރުވެސް ހުޅުވާލުމަށް ނިންމާފައިވަނީ، މައިގަނޑު 39 ދާއިރާއަކުންނެވެ.

"ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ގައުމީ އިނާމަށް ނަން ހުށަހެޅުމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވައިފައި،" ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭނެ ގޮތަށް ހަމަޖައްސައިފައެވެ.

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމަށްފަހު، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވާލާނެއެވެ. އެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ، އަންނަ މެއި މަހުގެ ހަ ވަނަ ދުވަހުއެވެ.

ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.