ދިވެހިންގެ ތަބީއަތަކީ ހުރިހާ ހާލަތެއްގައިވެސް މިނިވަންކަމުގެ މަތީގައި ދެމި ތިބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ބާރުތަކުގެ ވާދަވެރިކަމުގައި ހަމަލާތައް ރައްދުވާ އަދި އެ ހަމަލާތައް ރޫޅާލައި އެ ހަމަލާތަކުން ސަލާމަތްވެގަންނަ ބަޔަކު އުޅޭ ގައުމެއް ކަމަށެވެ. އަދި ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތަލުން ކަމަށާއި އެ މަނިކުފާނުގެ މުޅި ސިޔާސަތު ބިނާކުރައްވާފައިވަނީވެސް އެ އަސާސުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
"ދިވެހިންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތަަލުން. ދިވެހިންގެ ތަބީއަތަކީ އަބަދުވެސް މިނިވަންކަމުގެ މަތީގައި ދެމި ތިބުން. އަޅުގަނޑުގެ މުޅި ސިޔާސަތުގެ ބިންގަލަކީ އެއީ. އެހެންވެ މިއަދު ދިވެހިރާއްޖޭގައި ބޭރުގެ ސިފައިން ނެތީ. އެހެންވެ މިއަދު އެންމެ ޒަމާނީ ވަސީލަތްތަކާއެކު ދިވެހި ކަނޑުތައް ބެލެހެއްޓުމަށް އުޅަނދުތައް އުދުހެނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގައުމިއްޔަތުގެ ހާއްސަ ނިޒާމެއް ތައާރަފުކޮށް އެ ދާއިރާގެ ހޭލުންތެރިކަން އިތުރުކުރުމުގެ ހާއްސަ މަސައްކަތްތަކެއް ކުރައްވަނީ ރާއްޖެ މިނިވަންކަމަތީގައި ދެމެހެއްޓުމުގެ މަތިވެރި މަގުސަދުގައި ކަމަށެވެ. އަދި މިއަދު ބޭނުން ވަނީ ދިވެހިންގެ ކާބަފައިންގެ ކެރުމާއި ހިތްވަރާއި ގައުމީ ހިދުމަތާއި ރޫހު ކަމަށާއި ފިކުރުތަކާއި ނުރައްކާތަކުގެ ދުނިޔޭގައި މިއަދު ގައުމު ބޭނުން ވަނީ އެކަންކަމުން ފިލާވަޅު ލިބިގަނެ، ގައުމުގެ ހައްގުގައި ގައުމިއްޔަތު ދިފާއުކުރުމަށް ހޭލާ ތިބޭނެ ދަރިން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު