ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރެއްވި، ފޮރިން އިންވެސްޓްމެންޓުގެ އާ ގާނޫނުގެ ސަބަބުން ފޮރިން އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓް ކުރަން ފަސޭހަވެ، ވިޔަފާރުތައް ފުޅާވެގެންދާނެ ކަަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެ ގާނޫނުގައި ހިމެނޭ ކަންތަައްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، އެ މަނިކުފާނުގެ ވައުދުފުޅުތަކުގެ ތެރޭގައި އިގުތިސާދީ ދާއިރާގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ހިމަނުއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިގުތިސާދީ ދާއިރާގައި ހިމެނޭ ވިޔަފާރިތައް ފުޅާކުރުމާއި ރާއްޖެއަކީ ވިޔަފާރުކުރަން ފަސޭހަ ތަނަކަށް ހެދުމާއި އަދި ރިއަލް އެސްޓޭޓަކީ ވިޔަފާރިއަކަށް ހެއްދެވުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އެކަންކަމަށް މަގުފަހިކުރެއްވުމަށް އޭނާއަށާއި އެޓާނީ ޖެނެރަލްގެ އިތުރުން ކަމާއި ގުޅުންހުރި މިނިސްޓްރީތަކާއި ލީގަލް ދިޕާޓްމަންޓްތަކަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެ މަސައްކަތްތަކުގެ ތެރެއިން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ދައުރު ފުޅާކޮށް އޭގެތެރެއިން އިގުތިސާދީ ތަރައްގީ ގެނައުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ، ގައުމެއްގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރުމާއި ވާނެ ކަންކަން ޔަގީންވުމަކީ އެފަދަ ގާނޫނެއް އަންނައިރު އޮންނަންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން މިއަދު ތަސްދީގު ކުރެއްވި ގާނޫނުގައި އެކަންކަން ހިމެނިފައިވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މިއަދު ތަސްދީގު ކުރެއްވީ އާ ގާނޫނަށް އަމަލު ކުރަން ފަށާނީ ތިން މަސް ދުވަސް ފަހުންނެވެ. ފޮރިން އިންވެސްޓްމަންޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގެ ގޮތުގައި، އާ ގާނޫނެއް އެކުލަވައިލީ، މިހާރު އަމަލުކުރަމުން އަންނަ ގާނޫނަކީ 1979 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނަކަށްވާތީ، ގާނޫނު ޒަމާނާ އެއްގޮތަށް ބަދަލުކުރުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ.