ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް "ހޯކްސް ވޮޔޭޖް" ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ކަނޑުވި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ތިން ފުލުހަކަށް ފުރާނަ ސަލާމަތް ކުރުމުގެ ރަން މެޑަލް އަރުވައިފިއެވެ.

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދެވެ.

ފުރާނަ ސަލާމަތް ކުރުމުގެ ރަން މެޑަލް އަރުވާފައި ވަނީ ސީނިއާ ސާޖަންޓް އަހްމަދު އާމިރު އާއި ކޮންސްޓަބަލް މުހައްމަދު ލަހްފާން އަދި ކޮންސްޓަބަލް އަލީ ޒިދާން އަށެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 08:50 އެހައިކަން ހާއިރުއެވެ. މި ހާދިސާގައި ކޮޅުވެއްޓި ކ. ގާފަރު ކައިރިއަށް ބަންޑުން ޖަހާލުމާ ގުޅިގެން، އޭގައި ދަތުރު ކުރި 10 މީހުން ކަނޑުވިއެވެ. ގަދަ ކަނޑުގައި އެ މީހުން ސަލާމަތް ކުރުމަށް ފުލުހުންގެ ތިން އޮފިސަރުން ކުރެއްވި ހިތްވަރުގަދަ މަސައްކަތުން، ކަނޑުވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

އޮފިސަރުންނަށް މެޑަލް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު ވަނީ، ފުރާނައަށް ނުރައްކާވާ ފަދަ ދަނޑިވަޅުތަކުގައި ފުލުހުންގެ ފަރާތުން ފެންނަންޖެހޭ ހިތްވަރާއި އިހުލާސްތެރިކަން ފެނިފައިވާކަން ފާހަގަކުރައްވައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އޮފިސަރުން ދެއްކެވި ހިތްވަރަށް ތައުރީފުކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

މީގެއިތުރުން، މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާ އިރު ގުޅިގެން މަސައްކަތް ކުރުމާއި އޮޕަރޭޝަނަލް ގޮތުން އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމުގެ މުހިންމުކަންވެސް ކޮމިޝަނާ ފާހަގަކުރެއްވިއެވެ. އަދި ފުރާނަ ސަލާމަތް ކުރުމަށާއި އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އަބަދު ވެސް ދޭ އަހައްމިއްޔަތު ތަކުރާރުކުރައްވައި، ވާޖިބު އަދާކުރުމުގައި ނަމޫނާ ހިތްވަރާއި އިހްލާސްތެރިކަން ސާބިތުކޮށްދޭ އޮފިސަރުންގެ އަގުވަޒަން ކުރުމަކީ މުއައްސަސާއިން އަބަދުވެސް ނުހަނު އިސްކަންދޭ ކަމެއްކަން ކޮމިޝަނާ ފާހަގަކުރެއްވިއެވެ.