މާކެޓުގެ އަގާ އެއްގޮތަށް މިފްކޯއިން ކަނޑުމަސް ގަންނަ އަގު ބަދަލުކުރާ ގޮތަށް ނިންމި ދުވަހުން ފެށިގެން މަސް ގަންނަ އަގަށް ބަދަލު ގެނެސްފައި ނުވަނީ، ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގަށް އެ ދުވަހުން ފެށިގެން އަދިވެސް ހެޔޮ ބަދަލެއް އައިސްފައިނުވާތީ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިފްކޯއިން ބުނީ މަސް ގަންނަ އަގު ބަދަލުކުރި ދުވަސްވަރަކީ މަސްވެރިކަން ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރަކަށްވާތީ، އެ ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ގޮސްފައިވީ ނަމަވެސް، މިފްކޯއިން މަސައްކަތް ކޮށްފައިވާނީ މަސް ގަންނަ އަގު ދަށް ނުކޮށް ހިފަހައްޓަން ކަމަށެވެ. އަދި މަހުގެ އަގު ބަދަލު ކުރި އިރު، މަސް ގަތް އަގު ކަމަށްވާ 16 ރުފިޔާގެ ރޭޓުން މިފްކޯއަށް މަސް ކިރަމުންދިޔަ ނަމަވެސް، އެކަމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ.
އެގޮތުން ކުންފުނިން މި ވަގުތު މަސައްކަތް ކުރަނީ ބާޒާރުގައި މަހުގެ އަގު ރަނގަޅުވަންދެން 16 ރުފިޔާއަށްވުރެ ދަށް ނުވާގޮތަށް އަގު ހިފެހެއްޓުމަށްފަހު އަގު މައްޗަށް ޖެހުމުން، މަސްވެރީން އަތުން ރަނގަޅު އަގުގައި ކޮލެޓީ މަސް ގަތުމަށް ކަމުގައި މިފްކޯއިން ބުންޏެވެ.
ދުނިޔޭގެ ބާޒާރުގެ އަގުތައް ބެލުމުގައި ގެންގުޅޭ މޮޑެލްތަކަށް ރިއާޔަތްކޮށް، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެ ކުންފުނިން ހިފަން ނިންމާފައިވާ އިރު، މިފްކޯއިން ދަނީ ކަމާއިގުޅޭ ފަރާތްތަކާ އެކު އެކަމުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.
މިއަހަރު މިފްކޯއަށް މަސް ކިރުވި އަދަދު، ވޭތިވެދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 42 ޕަސަންޓު ވަނީ ދަށްވެފައެވެ. މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ވަރަށް ދަށްވެފައިވާ އިރު، ފްރޯޒަން ކަނޑުމަހުގެ ޝިޕްމަންޓުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީގެ ކުރިންވެސް އެވްރެޖުކޮށް 16 ރުފިޔާގެ ރޭޓުން މިފްކޯއިން މަސް ގަންނަމުން ދިޔައިރު ވެސް ސަރުކާރުން މަހެއްގެ މައްޗަށް 20 މިލިއަނާއި 25 މިލިއަނާ ދެމެދުގެ އަދަދެއް ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ދިޔައީ ދެމުންނެވެ.
މިފްކޯއިން ބުނީ، ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ބާޒާރުގައި ރޯމަހުގެ އަގު ދަށަށް ހިނގައްޖެ ނަމަ، މަސްކިލޯއެއް ގަންނަ އަގު ދަށްކުރުން ނޫން އިތުރު ގޮތެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން މި ވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ، މަހުގެ އަގު ދަށް ނުކޮށް ބައިނަލްއަގްވާމީ މާކެޓުގައި މަހުގެ އަގަށް އަންނަ ހެޔޮ ބަދަލެއް ފެންނާންދެން މަޑުކޮށްގެން ތިބުން ކަމަށް މިފްކޯއިން ބުންޏެވެ.
މިއަހަރަކީ ވޭތުވެދިޔަ އަހަރުތަކުގައި ވެސް ދަށަށް ނުދާ ވަރަށް މަސްވެރިކަން ދަށަށް ދިޔަ އަހަރެކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް މިފްކޯއަށް ކިރުނީ 26،000 ޓަނުގެ މަހެވެ. އަހަރެއްގެ މައްޗަށް އެވްރެޖުކޮށް މިފްކޯއަށް 67،000 ޓަނުގެ މަސް ކިރާއިރު މިދިޔަ އަހަރަކީ ރެކޯޑު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު މިފްކޯއަށް 72،000 ޓަނުގެ މަސް ކިރާފައިވެއެވެ.
މިއަހަރުގެ މި ހާލަތުގެ ސަބަބުން މަސްވެރީން މަހަށް ފުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މިފްކޯއިން އަންނަނީ މިވަގުތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ. އޭގެ ތެރޭގައި ތެލާއި އައިސް ކްރެޑިޓަށް ފޯރުކޮށްދިނުމާއި މަސްވެރީންނަށް ނުދެވި ހުރި ފައިސާ ހޯދައި ހަލާސްކުރުމާއި މިހާރު ލިބޭ ބިލްތަކަށް އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދެވޭނެ ގޮތްތައް ހޯދުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު