ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި ވަކި ސަފީރަކަށް އުދަނގޫކުރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ ހައްޔަރުކުރި ދެ އަންހެނުންގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފިއެވެ.

އެ މައްސަލައިގައި ފުލުހުން އޯގަސްޓް މަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު ހައްޔަރުކޮށްފައި ވަނީ މ. ބަޑިކުޅިމާގެ/ އާއިޝަތު ޝާދިޔާ (47އ) އަދި ގދ. ރަތަފަންދޫ/ ލިލީގެ، ޑރ. ޝަދުރާ އިބްރާހިމް (36) އެވެ. އެ ދެ މީހުން ހައްޔަރުކުރީ ފުލުހުން ބުނާ ގޮތުން ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ ދެ މީހުން ބަންދަށް ފުރަތަމަ ޖެހީ ތިން ދުވަހެވެ. ބަންދުގެ މުއްދަތު އިތުރުކޮށްފައި މިވަނީ އެ މުއްދަތު ހަމަވުމުންނެވެ.

އެ ދެ އަންހެނުންނަކީ ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް މެދުކެނޑުމެއް ނެތި އިހުތިޖާޖުކޮށް އަޑު އުފުލަމުންދާ ދެ އަންހެނުންނެވެ. އޭގެ ތެރެއިން ޝާދިޔާއަކީ ޝައިހް ޑރ. މުހައްމަދު އިޔާޒްގެ އަނބިކަނބަލުންނެވެ.

ފުލުހުން އެ މީހުންނަށް ކުރާ ތުހުމަތަކީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލަވައި، ބޭއަދަބީ ބަހުން މުއާމަލާތް ކުރުމުގެ އިތުރުން ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ކަންކަން ކުރުމެވެ.

އޭގެ އިތުރުން ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތަކެއް ހިންގަމުން ގެންދިއުމާއި އެކަމާ ގުޅިގެން ސުލްހަވެރިކަމާއެކު އެ ސަރަހައްދުން ދިއުމަށް ފުލުހުން އެންގުމުން، އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުވެސް ކުރެއެވެ.

ނަމަވެސް, ފުލުހުން އެ ދެ އަންހެނުން އުނދަގޫކުރީ ކޮން ސަފީރަކަށް ކަމެއް އަދި ކޮން ޑިޕްލޮމެޓިކް މިޝަންތަކަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރުމުގެ ކުރިން އެފަދަ އަމަލުތައް ނުކުރުމަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ.