މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު މާފަންނު ކްރާސާ ފިހާރަ ތެރޭގައި ވަޅި ހަރައި ސ. ހިތަދޫ/ އިޒުމީރު، މުހައްމަދު އަހުމަދުދީދީ (ނައުއްޓެ) މަރާލި މައްސަލައިގައިގައި ދައުލަތުން ދައުވާކުރި ދެމީހުން އެކަމަށް އިންކާރު ކޮށްފިއެވެ.
ނައުއްޓެ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ ސ. މަރަދޫފޭދޫ/ ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމާއި ތ. ގާދިއްފުށި/ ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށްވެސް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ މަރުގެ އަދަބެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ބާއްވައިފައެވެ. މި މައްސަލައިގައި މިއަދު އޮތީ އިބްތިދާއީ މަރުހަލާގައި ހުށަހެޅި ހުށަހެޅުންތަކަށް ބައްލަވައި، ދައުވާ ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމުމެވެ. މިއަދުގެ އަޑު އެހުމުގައި ފައިހް އާއި ސިރުހާން ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.
ނަމަވެސް މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް މި މައްސަލަ ބައްލަވާ ގާޒީ އައިޝަތު ނުޒުހާ މިއަދުގެ އަޑުއެހުމުގައި ވަނީ ނިންމަވައިފައެވެ. އެ މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކިންގެ ގޮތުގައި ހަތް މީހެއްގެ ނަން ދައުލަތުން ވަނީ ކޯޓަށް ހުށަހަޅައިފައެވެ.
މިމައްސަލައިގައި އެންމެ ފަހުން މިދިޔަ ޖުލައި މަހު ބޭއްވި އަޑުއެހުމުގައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިން ސިއްރުކޮށް އެމީހުންނަށް ރައްކާތެރިކަން ދިނުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައެވެ.
އެމީހުންގެ ހެކިބަސް ކުރިއަށްގެންދަން ދައުލަތުން އެދިފައިވަނީ، ކާކުކަން ނޭނގޭ ގޮތަށް އޮންލައިންކޮށް ޝަރީއަތުގެ މަޖިލިސް ނޫން ތަނެއްގައި ބައިތިއްބައިގެންނެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގު ރިޕޯޓް ދިފާއަށް ދޫކުރާ އިރު އެ ރިޕޯޓުންވެސް، އެ ހަތް ހެކިވެރިންގެ ބަޔާންތައް އުނިކުރުމަށް ވެސް ދައުލަތުން އެދުނެވެ.
އެގޮތަށް އަމުރު ނެރުއްވި ސަބަބެއް ކަމަށް މި މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ ގާޒީ އައިޝަތު ނުޒުހާ ވިދާޅުވީ، ހެކިވެރިންނަށް ބިރު ދެއްކުމާއި ޖިސްމާނީ އަނިޔާއެއް ދިނުމުގެ އިހުތިމާލު އޮތް ކަމަށް ޝަރީއަތަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
ޚަބަރު
ޚަބަރު