އިނގިރޭސި ލީގުގެ ޓްރާންސްފާ ސީޒަން ނިމުމަކާ ގާތްވެފައިވާ އިރު، ރޭ ޗެލްސީން ޖޭޑަން ސަންޗޯ ގެންގޮސް، އެޓީމުގައި ހުރި ރަހީމް ސްޓާލިން އާސެނަލަށް ފޮނުވާލައިފިއެވެ.

ކުރިން ލިވަޕޫލާއި ސިޓީއަށްވެސް ކުޅުނު ސްޓާލިން ޗެލްސީއަށް ދިޔައީވެސް ލޯނެއްގައެވެ. އަދި ޗެލްސީން ސަންޗޯ ހޯދީވެސް ލޯން އެއްބަސްވުމެއްގައެވެ. ސްޓާލިން އާސެނަލަށް ގޮސްފައި ވަނީވެސް އެއް ސީޒަނުގެ ލޯނު އެއްބަސްވުމެއްގައެވެ. ސްޓާލިން ޗެލްސީ ދޫކޮށް ގޮސްފައި ވަނީ އެޓީމާ އަލަށް ހަވާލުވި ކޯޗު، އެންޒޯ މަރެސްކާ އޭނާ ބޭނުން ނެތް ކަމަށް ބުނުމުންނެވެ.

ޗެލްސީ ކޯޗު މަރެސްކާ ބުނީ އެ ސްޓާލިންނަކީ ކޮލިޓީ ރަނގަޅު ކުޅުންތެރިއެއް ނަމަވެސް، އޭނާގެ ސްޓައިލަށް ފެތޭ ކުޅުންތެރިއެއް ނޫން ކަމަށެވެ.

ޗެލްސީ ދޫކޮށްލަން އިތުރު ބައެއް ކުޅުންތެރިންވެސް މަސައްކަތް ކުރަމުންދާ އިރު، އެޓީމުގެ ސްކޮޑުގައި ކުޅުންތެރިން އިތުރުވެ، ބައެއް ކުޅުންތެރިން ދަނީ ވަކިންވެސް ތަމްރީނުތައް ކުރަމުންނެވެ. އުމުރުން 29 އަހަރުގެ ސްޓާލިން ޗެލްސީއާ ގުޅުނީ 2022 ވަނަ އަހަރުއެވެ. އެއީ 50 މިލިއަން ޕައުންޑްގެ އަގެއްގައެވެ.

ސްޓާލިންނަކީ ބެހެދާދު އެގްބާލީ އާއި ޓޮޑް ބޮއެލީ ޗެލްސީ ގަނެފައި ފުރިހަމަ ކުރި ފުރަތަމަ ޓްރާންސްފާއެވެ.

ސްޓާލިން އާސެނަލަށް ފޮނުވާލުމަށްފަހު ޗެލްސީން ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ޖޭޑަން ސަންޗޯ އެއް ސީޒަނުގެ ލޯނެއްގައި ގެންގޮސްފައެވެ. ޗެލްސީން ސަންޗޯ، 24، އާއެކު ހެދި އެއްބަސްވުމުގައި ސީޒަން ނިންމާލާފައި ޗެލްސީން ބޭނުންވާ ނަމަ، އޭނާ ދާއިމީކޮށް ގަތުމަށް ފުރުސަތު ލިބެއެވެ. އެއީ 20-25 މިލިއަން ޕައުންޑާ ދެމެދުގެ އަގެއްގައެވެ.

ސަންޗޯ، 2021 ވަނަ އަހަރު ބްރޫޝިއާ ޑޯޓްމުންޑުން ޔުނައިޓެޑާ ގުޅުނީ 73 މިލިއަން ޕައުންޑްގެ އަގެއްގައެވެ. ސަންޗޯ ތިން ސީޒަނުގައި 83 މެޗު ޔުނައިޓެޑަށް ކުޅެފައިވާ އިރު، މިދިޔަ ސީޒަނުގައި އޭނާ ޑޯޓްމުންޑަށް ލޯނެއްގައި ދިޔައީ ކޯޗު އެރިކް ޓެން ހާގާ މައްސަލަ ޖެހިގެންނެވެ.

މި ސީޒަނުގެ ކޮމިއުނިޓީ ޝީލްޑް މެޗުގައިވެސް ސަންޗޯއަށް ޓެން ހާގު ފުރުސަތު ދިން ނަމަވެސް، ލީގު މެޗުގެ ސްކޮޑުގައި އޭނާ ހިމަނާފައެއް ނުވެއެވެ.