ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ރަހީނު ކުރި އަންހެން މީހާ ސަލާމަތް ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރިގޮތުގެ ތަހުގީގެއް ހިންގަން އަންގާފައި ނުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރަހީނުކޮށްފައި ހުރި އަންހެން މީހާ ސަލާމާތްކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ ތަހުގީގެއް ހިންގާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ހޯމް މިނިސްޓަރު ވިދާޅުވީ، އަންހެނަކު ރަހީނުކުރި ހާދިސާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ހިންގާ ކަމަށް ބުނެ ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެފަދަ ތަހުގީގެއް ހިންގަން އަންގާފައި ނުވާނޭ ކަމަށެވެ.
އަދި ރަހީނުކޮށްފައި ހުރި އަންހެން ކުއްޖާ ސަލާމަތްކުރަން ފުލުހުން ކުރީ ހިތްވަރުގަދަ މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެކުއްޖާ ސަލާމަތްކުރަން ފުލުހުން ކުރި ހިތްވަރުގަދަ މަސައްކަތަށް މިނިސްޓަރު ވަނީ ސާބަސް ދަންނަވައިފައެވެ.
މާލޭގެ މަގުމަތީގައި ވަޅިއަކުން ބިރު ދައްކައިގެން އަންހެން ކުއްޖަކު ރަހީނުކުރުމަށް މަސައްކަތްކޮށްފައިވަނީ ށ. މިލަންދޫ، ހެޕީލޭންޑް އަހުމަދު އަތުހަރު ނަމަކަށް ކިިޔާ މީހެކެވެ. ނަމަވެސް ފުލުހުން ކުރި މަސައްކަތުން އަންހެން މީހާ ވަނީ ސަލާމަތްކޮށްފައެވެ.
މި ހާދިސާއަށްފަހު އަންހެން މީހާ އާއި ފިރިހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިން ނަމަވެސް، މާބޮޑު އަނިޔާތަކެއް ނުލިބޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލާގައި ހިމެނޭ ފިރިހެން މީހާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ އިރު، އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މި މައްސަލައިގައި ފުލުހުން ހަރަކާތްތެރިވި ގޮތަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއިވެސް ވަނީ ތައުރީފު ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު