(23 އޯގަސްޓުގެ އަދަދާ ގުޅޭ)
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޚައިބަރުގައި ހުންނެވިއިރުވަނީ ޔަހޫދީންގެ ދަރަޖަމަތިވެރި އަމީރާއެއްކަމުގައިވާ السّـــيّـدة صفـــيّـــة بـنت حُــيــيّ بــــن أخطب އަށް أمّ المـــؤمــنــيـــن ގެ ޝަރަފު ދެއްވައިފައެވެ. އެކަމަނާގެ ބައްޕާފުޅަކީ نـضـيــــر ވަންހައިގެ ރައީސް حُــيَـيُّ بــن أخطب އެވެ. މަންމައަކީ قـــــريـظــة ވަންހައިގެ ރައީސް سمــــوئـيــــل ގެ ދަރިކަނބަލުން ضـــــرّة ނުވަތަ بـــــرّة އެވެ. އެކަމަނާ ކުރީން އިންނެވީ ޚައިބަރުގެ ރައީސުންކުރެ كـنـــانـــة بـــن أبـــى الحـقـيـق ގެ އަނބިކަނބަލަކަށެވެ. ޚައިބަރު ހަނގުރާމައިގައި كـنـــانـــة ވަނީ ޤަތުލުކުރެވިފައެވެ. السّـــيّـدة صفـــيّـــة ހައްޔަރުކުރެވުނީ كـنـــانـــة ޤަތުލުކުރެވުމުންނެވެ.
ޚައިބަރުގެ ޣަނީމާއާއި އަސީރުން އެއްކުރެވި އެތަކެތި ބައްސަވާން ފެއްޓެވުމުން دحــيــةالـكـلــبـــى رضــــــى اللّــــه عـــنـــه ކައުސާހިބާގެ އަރިހުގައި ދެންނެވިއެވެ. "ހަނގުރާމައިގައި ހައްޔަރުވެފައިވާ މީހުންގެ ތެރެއިން އަޅުގަނޑަށް ކަނީޒަކު ދެއްވާށެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަން ޤަބޫލުކުރައްވައި އަސީރުންގެ ތެރެއިން ކަނީޒަކު ޚިޔާރުކުރެއްވުމުގެ ހުއްދަ ދެއްވިއެވެ. دحــيــة ޚިޔާރުކުރެއްވީ السّـــيّـدة صفـــيّـــة އެވެ. އެވަގުތު ޞަޙާބީންގެ ބައެއް ބޭކަލުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހުގައި ޝަކުވާ ކުރެއްވިއެވެ. "އޭ މާތް اللّــــه ގެ ރަސޫލާއެވެ. އެކަމަނާއަކީ نـضـيــــر ވަންހައާއި قـــــريـظــة ވަންހައާއި ޚައިބަރުގެ އަމީރާއެވެ. އެކަމަނާ ކުފޫހަމަވެގެންވަނީ ސާހިބާއާއެވެ." ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، دحــيــة ގެފާނަށް ބަދަލުދެއްވައިފައި السّـــيّـدة صفـــيّـــة އަތުލެއްވިއެވެ. ޔަހޫދީންނަށް އަނެއްކާވެސް އިތުރު ހެޔޮކަމެއް ކޮށްދެއްވުމުގެގޮތުން صفـــيّـــة ގެފާނު މިނިވަންކުރައްވައި އެކަމަނާއާ ކާވެނި ބައްލަވައިގެންނެވިއެވެ. އެކަމުގެ ސަބަބުން މުސްލިމުންނަށްވަނީ ސިޔާސީ ފައިދާތަކެއްވެސް ލިބިފައެވެ. ތަފްސީލުތައް އޮޅުންފިލުއްވާން ބޭނުންފުޅު ބޭފުޅުން އަޅުގަނޑު ލިޔެފައިވާ ފޮތެއްކަމުގައިވާ "أمّــهــات المــؤمـنـيــــن ގެ ތެރެއިން أمّ المـــؤمــنــيـــن السّـــيّـدة صفـــيّـــة بـنت حُــيــيّ رضـــــى اللّــــه عــنــــهــا" މިފޮތަށް އިންތިޒާރު ކުރެއްވުން އެދެމެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޚައިބަރުގެ ކަންތަކުން އަވަދިވެވަޑައިގެން ދެން ކުރިމަތިލެއްވީ އެހިސާބުގަނޑުގައި ޔަހޫދީން ހަދައިފައިހުރި އެހެނިހެން ހަތާތައް ރޫޅައިލައްވާށެވެ. އެގޮތުން ފަދަކާއި ވާދިލްޤުރާއާއި ތައިމާއުގެ ކަންތައް ހަމަޖެއްސެވިއެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޚައިބަރަށް ވަޑައިގެންނެވުމަށްފަހު ފަދަކުގެ ޔަހޫދީންނަށް ދީނަށް ގޮވައިލައްވާން ޞަޙާބީންގެ ބޭކަލަކު ފޮނުއްވިއެވެ. މަތިވެރި ޒިންމާ ޙަވާލުކުރެއްވީ مُحـَــيّـصــه بـــن مسـعـــود رضـــــى اللّــــه عــنـــــه އާއެވެ. ނަމަވެސް ފަދަކުގެ އަހްލުވެރީން ގެންދިޔައީ އެ ދަޢުވަތު ޤަބޫލުނުކޮށް ފަސްކުރަމުންނެވެ. އެކަމަކު އަރަހުށި މާތް اللّــــه މުސްލިމުންނަށް ޚައިބަރު ފަތަޙަކޮށްދެއްވުމުން އެބައިމީހުންގެ ހިތްތަކުގައި މުސްލިމުންނާމެދު ޖެހިލުންވުން އުފެދިއްޖެއެވެ. ފަދަކުގެ އަހްލުވެރީން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް މީހުން ފޮނުވައިގެން ޚައިބަރުގެ އަހްލުވެރީންގެ ޝަރުޠުތަކުގެ މައްޗަށް ޞުލްޙަވާން އެއްބަސްވެއްޖެއެވެ. އެހެންކަމުން ފަދަކުގެ ބިމަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޚާލިޞް މިލްކެކެވެ. އެހެނީ އެރަށަކީ މުސްލިމުން އެރަށެއް ފަތަޙަކުރާން އަސް ނުވަތަ ޖަމަލު ދުއްވައިގެން ޙާޞިލުކުރި ބިމެއް ނޫނެވެ. އާދޭހެވެ. މުސްލިމުން ކަނޑީގެ ބާރުގައި ފަތަޙަކުރި ތަނެއް ނޫނެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ފަދަކުގެ ކަންތައް ހަމަޖެއްސެވުމަށްފަހު ދެން ވަޑައިގެންނެވީ ވާދިލްޤުރާއަށެވެ. އެރަށަކީވެސް ޔަހޫދީންގެ ޖަމާޢަތެއް ދިރިއުޅުނު ރަށެކެވެ. ފަހަކަށްއައިސް ޢަރަބީންގެ ޖަމާޢަތެއްވެސްވަނީ ޔަހޫދީންނާ މިލިގެން އެރަށުގައި ދިރިއުޅޭންފަށައިފައެވެ.
މުސްލިމުން އެރަށުގެ ރަށްބޭރަށް ދިޔުމުން ޔަހޫދީން މުސްލިމުންނާ އިސްތިޤްބާލުކުރީ ތީރުންނެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެބައިމީހުނާ ކުރިމަތިލައްވަން ހަނގުރާމަޔަށް ސަފުހައްދަވައިފިއެވެ. އެދުވަހުގެ ހަނގުރާމައިގައި ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަޅަކު ވަނީ ޤަތުލުވެފައެވެ. ޞަޙާބީން ދެންނެވިއެވެ. "އޭނާއަށް ސުވަރުގެ ލިބުމުގެ ބަރަކާތް ހުއްޓެވެ." ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީސު ކުރެއްވިއެވެ. "ނޫނެކެވެ. އޭނާ ވަނީ ޚައިބަރުގެ ޣަނީމާ ބެހުމުގެކުރީން ތަސްމާއެއް (ހަމުގެ ބަންދެއް) ވަގަށް ނަގައިފައެވެ. އެ ތަސްމާ ވަނީ އަލިފާނަށްވެގެން އޭނާގެ ހަށިގަނޑުގައި އޮޅިފައެވެ." އެބަސްފުޅު އަޑުއަހައިފައި ކޮންމެވެސް މީހެއް ތަސްމާއެއް ނުވަތަ ދެ ތަސްމާ ހިފައިގެން އަތުވެއްޖެއެވެ. އޭނާ އެތަކެތި ގެނައުމުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީސު ކުރެއްވިއެވެ. "މިދެ ތަސްމާއަކީވެސް އަލިފާނެވެ."
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަނެއްކާވެސް ލަޝްކަރު ތަރުތީބުކުރައްވައި ސަފުހެއްދެވިއެވެ. އެއަށްފަހު ލަޝްކަރުގެ އެންމެބޮޑު ދިދަ ســعـــد بــــن عُــبــادة رضـــى اللّـــه عــنـــــه އަށް ދެއްވިއެވެ. حـبــّـاب بـــن مـــنــــذر އަށް އެއްދިދަ عُــبــادة بـــن بـشـــر އަށް އަނެއް ދިދަ ދެއްވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއަށްފަހު ޔަހޫދީންނަށް އިސްލާމްދީނަށް ދަޢުވަތު ދެއްވިއެވެ. ޔަހޫދީން ދަޢުވަތު ޤަބޫލެއް ނުކުރިއެވެ. އެއަށްފަހު ޔަހޫދީންގެ މީހެއް ހަނގުރާމަޔަށް ނުކުމެއްޖެއެވެ. މުސްލިމުންގެ ފަރާތުން زبــيـــر بـــن عـــــوّام رضـــــى اللّــــه عــنــــه މައިދާނަށް ނުކުމެވަޑައިގެން އެކަލޭގެ ޤަތުލުކޮށްލެއްވިއެވެ. އަނެއްކާ ޔަހޫދީންގެ ދެވަނަ މީހަކު ނުކުތުމުން زبــيـــر ގެފާނު އެމީހާވެސް ޤަތުލުކޮށްލެއްވިއެވެ. އަނެއްކާ ޔަހޫދީންގެ ތިންވަނަމީހަކު ނުކުތުމުން އެމީހާއާ ހަނގުރާމަޔަށް ނުކުމެވަޑައިގެންނެވީ عــلــــــى رضـــــى اللّــــه عــنـــــه އެވެ. عــلــــــى ގެފާނުގެ އަތްޕުޅުން އެމީހާ ޤަތުލުވެއްޖެއެވެ. މިގޮތަށްގޮސް ޔަހޫދީންގެ އެގާރަ މީހުން އެކަކަށްފަހު އަނެކަކު ޤަތުލުވިއެވެ. ކޮންމެ މީހަކު ޤަތުލުވުމުން އަނެކަކު ނުކުތުމުގެ ކުރީން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޔަހޫދީންނަށް އިސްލާމްދީނަށް ދަޢުވަތު ދެއްވަމުން ގެންދެވިއެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ކޮންމެ ނަމާދު ވަގުތެއްވުމުން ޞަޙާބީންނަށް އިމާމުވެވަޑައިގެން ނަމާދުކޮށްދެއްވައެވެ. ނަމާދުކުރައްވައި ނިމިވަޑައިގެންނެވުމުން އަނެއްކާވެސް ޔަހޫދީންނަށް އިސްލާމްދީނަށް ދަޢުވަތު ދެއްވައެވެ. މާތް اللّــــه އާއި އެކަލާނގެ ރަސޫލާގެ ފަރާތްޕުޅަށް ދަޢުވަތު ދެއްވައެވެ. އެދުވަހުގެ ހަވީރުވީ އެގޮތަށް ހަނގުރާމަކުރައްވަމުން ގެންދަވަނިކޮށެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވިދިގެންއައި ދުވަހުގެ ހެނދުނުވެސް އިސްލާމީ ލަޝްކަރާއިގެން ހަނގުރާމަޔަށް ނުކުމެވަޑައިގެންނެވިއެވެ. ނަމަވެސް އެދުވަހުގެ އިރު ކޮންތިއަކަށް ނާރަނީސް ޔަހޫދީން އެބައިމީހުންގެ އަތުގައިހުރި ހުރިހައި އެއްޗެއްސެއް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ޙަވާލުކޮށްފިއެވެ. އާދެ، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ކަނޑިކޮޅުގެ ބާރުގައި ޔަހޫދީންގެ މައްޗަށް ފަތަޙަ ހޯއްދަވައިފިއެވެ. އަރަހުށި މާތް اللّــــه އެ ޔަހޫދީންގެ މުދާތައް މުސްލިމުންނަށް ޣަނީމާ ކޮށްދެއްވައިފިއެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވާދިލްޤުރާގައި ހަތަރުދުވަހު ހުންނެވިއެވެ. އެރަށުން ލިބިވަޑައިގެންނެވި ޣަނީމާތައް ޞަޙާބީންނަށް ބައްސަވައިދެއްވިއެވެ. އެކަމަކު އެރަށުގެ ބިންތަކާއި ކަދުރު ދަނޑުތައް ޔަހޫދީންގެ އަތްމަތީގައި ބެހެއްޓެވިއެވެ. ޚައިބަރުގެ ޔަހޫދީންގެ އަތުންވެސް ގޮއި ނަންގަވާގޮތަށް ލިބޭ މޭވާއާއި ގޮވާމުގެ ދެބައިންބައި އިސްލާމީ ދައުލަތަށް ނަންގަވާގޮތަށެވެ.
ތައުމާއުގެ ޔަހޫދީންނަށް ޚައިބަރާއި ފަދަކާއި ވާދިލްޤުރާގެ ޔަހޫދީން ހަތިޔަރު ބެހެއްޓިތަން ފެނުމުން އެބައިމީހުން މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރާކަށެއް ޤަޞްދެއް ނުކުރިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް އަމިއްލަޔަށް ޞުލްޙައިގެ ހުށަހެޅުމެއް ފޮނުވައިފިއެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެބައިމީހުންގެ ހުށަހެޅުން ޤަބޫލުކުރައްވައި އެރަށުގެ ޔަހޫދީންނަށް އެބައިމީހުންގެ ގެދޮރާއި މުދަލުގެ މަތީގައި ދެމިތިބެވޭގޮތަށް ޞުލްޙައިގެ ފަތެއް ލިޔުއްވައިދެއްވިއެވެ. އެފަތުގައިވެއެވެ.
"މިފަތަކީ محـمّــد رســـول اللّــــه (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ގެ ފަރާތްޕުޅުން އާދިޔާވަންހައިގެ މީހުންނަށެވެ. އެބައިމީހުންނަށްއޮތީ މުސްލިމުންނަށް ޖިޒީ (ޢަސްކަރީ ޓެކްސް) ދިނުމެވެ. އެބައިމީހުންނަށް އަނިޔާއެއް ބޭއިންސާފެއް ނުކުރެވޭނެއެވެ. އެބައިމީހުން ވަޒަނުން ބޭރުކޮށް އަރުވައެއް ނުލެވޭނެއެވެ. މި މުޢާހަދާ ދެމިއޮންނާނެއެވެ. ރޭގަނޑު ވާނީ މިފަތުގެ މުޢާވިނެއް ކަމުގައެވެ. ދުވާލު ވާނީ މިފަތަށް އިތުރަށް ބާރު ލިބިދޭ ވަގުތެއް ކަމުގައެވެ. (ޔަޢުނީ އިރުއަރައި އޮއްސޭހައި ދުވަހަކު މިފަތް ދެމިއޮންނާނެއެވެ. މިފަތް ލިޔުއްވީ خــالــد بـــن سعـيـد رضـــــى اللّــــه عــنـــــه އެވެ." (އައްރަޙީޤުލްމަޚްތޫމި، މައުލާނާ ޞަފިއްޔުއްރަޙްމާނު މުބާރަކު ޕޫރީ)
އާދެ، މިއީ عـــــرب الحجـــاز ގައި ތިބި ޔަހޫދީންގެ ނިމުމެވެ. ލިބޭ ކޮންމެ ތަންވަޅެއްގައި މުސްލިމުންނަށް ނުހޮރުއްޕާންކޮށް ބަޣާވަތްކޮށް އުޅުނު ޔަހޫދީންގެ ނިމުމެވެ. ދުޢާއަކީ ފަލަސްޠީނުގައި ޔަހޫދީން ޤާއިމުކޮށްގެން އުޅޭ ނާޖާއިޒު ދައުލަތަށްވެސް އެފަދަ ނިމުމެއް އަންނަތަން ދައްކަވައި މުސްލިމުންގެ ލޯތަކުގެ ފިނިކަން ދެއްވުންއެދި ކުރާ ދުޢާއެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން