ފަލަސްތީނުގެ ގާޒާގައި ޕޯލިއޯ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ދުވަސްވަރު ހަނގުރާމަ މަޑުޖައްސައިލުމަށް އިޒްރޭލުން އެއްބަސްވެއްޖެއެވެ.

އަންނަ މަހު ގާޒާގައި ދިރިއުޅޭ ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމަށް އދ. އިން ފައްޓާ ހާއްސަ ހަރަކާތް ކުރިޔަށްދާ ދުވަސްވަރު ހަނގުރާމަ މަޑުޖައްސާލުމަށް އިޒްރޭލުން އެއްބަސްވެފައިވާ އިރު، އދ. އިން ވެސް ވަނީ އެގޮތައް އެއްބަސްވެފައިވާ ކަމަށް ބުނެފައެވެ.

އަންނަ މަހު ފަށާ އެ ހަރަކާތުގައި ގާޒާގެ 640،000 ކުދިންނަށް ވެކްސިން ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.

ތިން ބަޔަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އެޕްރޮގްރާމު މާދަމާ ފެށުމަށް ވަނީ ނިންމައިފައެވެ.

ގާޒާގެ ނަރުދަމާ ނިޒާމުން ސާމްޕަލް ނަގައި ކުރި ޓެސްޓުން އެ ސިޓީގައި ޕޯލިއޯ ޖައްސާ ނުރައްކާތެރި ވައިރަހުގެ އަސަރު ފެނިފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ޕޯލިއޯ ވައިރަސް އެންމެ ބޮޑަށް ނުރައްކާވަނީ ފަސް އަހަރުން ދަށުގެ ކުދިންނަށް ކަމަށް މާހިރުން ބުނެއެވެ. އަދި ވައިރަސްގެ އަސަރު ހަށިގަނޑަށް ވަނުމާއެކު ވާގިނެތުމާއި ނުރައްކާވެ މަރުވުމަށް ވެސް މަގުފަހިވެއެވެ.