ދިވެހި ސާފިން ލީގުގައި ހިމެނޭ ކ. ތުލުސްދޫގެ ރަނދާ ރާޅުގަނޑު އިވެންޓްގެ ފިރިހެން އޯޕަން ޗެމްޕިއަންކަން އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ހޯދި އިރު، ޖޫނިއާ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މުހައްމަދު އިނާން އަބްދުލް ހައްނާން ހޯދައިފިއެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ބޭއްވި ތުލުސްދޫ ރާޅުގަނޑުގައި އޮގަސްޓް 27 އިން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ ރަނދާ ރާޅުގަނޑު އިވެންޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ފިރިހެން އޯޕަން ޑިވިޝަނާއި ޖޫނިއާ 18 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނެވެ. އޯޕަން ބައިގައި 26 އެތުލީޓުން ވާދަކޮށްފައިވާ އިރު، ޖޫނިއާ ބައިގައި ވާދަކުރީ ހަތް އެތުލީޓުންނެވެ.

ފިރިހެން ޗެމްޕިއަންކަން ކުޑަ އިއްސެ ހޯދީ ފައިނަލުގައި އަހުމަދު އާގިލް (އަންމަޑޭ) ބަލިކޮށްފައެވެ. ފައިނަލުގައި ކުޑަ އިއްސެ ވަނީ 15.67ގެ ސްކޯއެއް ހޯދައިފައެވެ. އަންމަޑޭއަށް ފައިނަލް ހީޓުގައި ހޯދުނީ 11.36ގެ ސްކޯއެކެވެ.

ކުޑަ އިއްސެ މިވަގުތު ސާފް ލީގުގައި އޮތީ ފަސްވަނައިގައެވެ. އެއީ 1340 ޕޮއިންޓާއެކުގައެވެ. މި ވަގުތު ލީގުގެ އެއްވަނައިގައި އިސްމާއީލް ރަޝީދު (ސްމައިލީ) އާއި ނަޖާހު މުހައްމަދު އެއްވަރު ވެފައި އޮތީ 1730 ޕޮއިންޓުންނެވެ.

ޖޫނިއާ ޗެމްޕިއަންކަން އިނާން ހޯދީ 14.67ގެ ސްކޯއެއް ފައިނަލް ހީޓުގައި ހޯދައިގެންނެވެ. އޭނާއާ ވާދަކުރި ކަޔާން އަބްދުﷲ އަރީފް ފައިނަލް ހީޓުގައި ހެދި ސްކޯއަކީ 14.00 އެވެ. އެ ހީޓް ދިޔައީ ވާދަވެރިކޮށެވެ. ރަނދާ ރާޅުގަނޑު ކާމިޔާބުކޮށް، އިނާން ވަނީ ޖޫނިއާ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. އެއީ 1860 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތީ ކަޔާންއެވެ. އެއީ 1730 ޕޮއިންޓާއެކުގައެވެ.