ޔޫއެފާ ޗެމްޕިއަންސް ލީގުގެ އާ ފޯމެޓަށް ރޭ ވަނީ ލީގު ބުރުގެ ގުރު ނަގައިފައެވެ. ގުރު ނެގީވެސް ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް ބަރޯސާ ވެގެންނެވެ. މޮނާކޯގައި ރޭ ނެގި ގުރުގައި ޓީމުގެ ނަން ނެގުމާއެކު އެޓީމަކުން ލީގު ފޭސްގައި ކުޅެން ޖެހޭ ޓީމު ކަނޑައަޅަން ކޮމްޕިއުޓަރު އަލްގޮރިތަމްއެއް ބޭނުންކޮށްފައިވާ އިރު، އެ މެޗުތައް ކަނޑައަޅަން ފިއްތާލީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ޔޫއެފާއިން ވަނީ އާ ފޯމެޓަށް ބަލައިލައި ރޭގެ ގުރުގެ ކުރިން ހާއްސަ ވީޑިއޯއެއް ދައްކައިފައެވެ. އެ ވީޑިއޯގައި ލުއިސް ފީގޯއާއި ޖިއާންލުއީޖީ ބުފޮންގެ އިތުރުން އިތުރު ބައެއް ލެޖެންޑުންވެސް އާ ފޯމެޓްގެ ވާނުވާ ނޭނގިގެން ޔޫއެފާގެ ރައީސް އެލެކްސެންޑާ ޗެފެރިންނާ ސުވާލުކުރާ ތަން ދައްކައެވެ. ޗެފެރިން އެ ސުވާލުތަކަށް ޖަވާބު ނުދީ ގޮސް، އެންމެފަހުން އާ ފޮމެޓާ ވާހަކަދައްކަނީ ޒްލަޓާން އިބްރަހޮމޮވިޗާއެވެ. އޭނާ ވީޑިއޯގައި ބުނަނީ މާ ބޮޑަށް ވިޔަފާރި ފަޅި ނުކިޔައިދީ އާންމުންނަށް އެންމެ ފަސޭހަވާނެ ގޮތަކީ، ދުނިޔޭގެ އެންމެ ވާދަވެރި، އެންމެ ވަރުގަދަ މުބާރާތުގެ އިތުރު ވާދަވެރި މެޗުތަކެއް ފެނިގެންދާނެ ކަމަށް ބުނެގެން އާ ފޯމެޓް ކިޔައިދިނުމުން ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި މިފަހަރު ޖުމުލަ 36 ޓީމުން ވާދަކުރާނެއެވެ. ކޮންމެ ޓީމަކުންވެސް ހޯމް ހަތަރު މެޗު، އަވޭ ހަތަރު މެޗު، ޖުމުލަ އަށް މެޗު ލީގު ބުރުގައި ކުޅޭނެއެވެ. ޓީމުތައް ކުޅޭނީ ލީގެކެވެ. 36 ޓީމަކީ އެއް ގްރޫޕެއްގެ ޓީމުތަކެވެ. ލީގުގެ ގުރު ނެގީ ހަ ޕޮޓަކަށް ޓީމުތައް ސީޑުކޮށްގެންނެވެ. ލީގު ބުރުގައި އެއް ގައުމެއްގެ ދެ ޓީމެއް ވާދަކުރާކަށް ނުޖެހޭނެއެވެ.

ލީގު ބުރު ނިމޭއިރު އެންމެ ޕޮއިންޓް ގިނަ އަށް ޓީމު އޮޓޮމެޓިކުން ގަދަ 16 އަށް ދާނެއެވެ. އަދި ނުވަވަނަ އިން، 24 ވަނައާ ދޭތެރޭ ނިންމާލާ ޓީމުތަކުގެ މެދުގައި ދެ ލެގުގެ ކޮލިފިކޭޝަން ދެ ލެގު ކުޅެގެން ގަދަ 16 އަށް ޓީމުތަކަށް ދެވޭނެއެވެ.

ފުރަތަމަ ބުރުން ކަޓާނީ 25 ވަނަ އިން ތިރީގައި ނިންމާލައި ޓީމުތަކެވެ. ކުރީ ފޯމެޓުގައި ޗެމްޕިއަންސް ލީގުގައި ޖުމުލަ 125 މެޗު ކުޅެވޭ ނަމަވެސް، މިފަހަރު އެ އަދަދު ވަނީ 189 އަށް އިތުރު ވެފައެވެ. ކޮންމެ ޓީމަކަށްވެސް އެންމެ މަދުގެން އަށް މެޗު ލިބޭނެއެވެ. އަދި ފައިނަލަށް ދާ ޓީމަށް 17 މެޗު ކުޅެން ޖެހޭނެއެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގު ފަށާނީ 17 ސެޕްޓެމްބަރުގައެވެ. ލީގު ފޭސް ޖެނުއަރީ 29 އާ ހަމައަށް ދެމިގެންދާނެއެވެ.

ރޭ ނެގި ގުރަށް ބަލައިލާ އިރު، ލިވަޕޫލުން ވަނީ ފުރަތަމަ ބުރުގައިވެސް ރެއާލް މެޑްރިޑާ ވާދަކުރަން ޖެހިފައެވެ. މެންޗެސްޓާ ސިޓީއާއި އާސެނަލްވެސް ޕީއެސްޖީއާ ފުރަތަމަ ބުރުގައި ވާދަކުރަން ޖެހޭ އިރު، ފުރަތަމަ ބުރުގައި ރެއާލާއި ޑޯޓްމުންޑްވެސް ވާދަކުރަން ޖެހެއެވެ.