ދެކުނު ކޮރެއާގެ ބެޓަރީ ފެކްޓަރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އެތަނުގެ ވެރިޔާ ހައްޔަރުކޮށްފިއެވެ.

ދެކުނު ކޮރެއާގައި ލިތިއަމް ބެޓަރީ އުފައްދާ އެ ފެކްޓަރީގެ ވެރިޔާ ޕާކް ސޫން ކްވޫން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް އޮފިޝަލުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ހާދިސާގައި 23 މީހަކު މަރުވެފައިވާ އިރު، ނުވަ މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ.

ހާދިސާގެ ތަހުގީގުން ހާމަވެފައިވާގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވެފައިވަނީ އެ ފެކްޓަރީގައި ބޭނުންކުރާ ނުރައްކާތެރި ކެމިކަލްތަކާއި މައުދަންތައް ބޭނުންކުރުމުގައި ގަވާއިދުތަކަށް އަމަލު ނުކުރުމުންނެވެ.

އޭގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އެތަނުގައި އުފައްދަމުން ގެންދިޔައީ ހާއްސަ އޯޑަރަކަށް ބެޓަރީތަކެއް ކަމަށާއި އެ ބެޓަރީ ތައްޔާރުކުރުމަށް ވަގުތު ނެތުމުގެ ސަބަބުން އަވަސްކޮށްލާފައި މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ތަހުގީގު ރިޕޯޓުގައި ބުނެފައިވެއެވެ.

ހާދިސާ ހިނގި ވަގުތު އެ ފެކްޓަރީގައި ލިތިއަމް ބެޓަރީގެ 35،000 ބެޓަރީ ހުރި ކަމަށް އޮފިޝަލުން ބުނެއެވެ.