މާފަންނުގެ ގެއެއްގެ ތެރޭގައި ރަހީނުކުރި އަންހެން މީހާ، ފުލުހުން ބާރުގެ ބޭނުންކޮށްގެން ސަލާމަތްކޮށްފިއެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރަހީނުކުރި އަންހެން މީހާއަށް ގޭތެރޭގައި ފިރިހެނަކު އަނިޔާކޮށް އަދި މަގުމައްޗަށް ނެރެވެސް އަނިޔާކުރި ކަމަށެވެ. އަދި ފުލުހުން އެ އަންހެން މީހާ ސަލާމަތްކުރަން އުޅެފި ނަމަ، އަންހެން މީހާ މަރާލާނެ ކަމަށް ބުނެ އަންހެން މީހާގެ ކަރުގައި ވަޅި ޖެއްސުމަށްފަހު ފުލުހުންނަށް އިންޒާރު ދިން ކަމަށްވެސް ބުންޏެވެ.
"...އަނެއްކާވެސް އަންހެން މީހާ ގޭތެރެއަށް ވައްދައި އަނިޔާކުރުމަށްފަހު އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނުކުމެ ސައިކަލަށް އަރައި ދުއްވާފައި ގޮސްފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އަންހެން މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ފުލުހުން ބާރުގެ ބޭނުންކުރި ކަމަށާއި އެ ހާދިސާގައި ދެ މީހުންނަށްވެސް އަނިޔާވި ކަމަށެވެ.
އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް އޭނާއަށް ފަރުވާ ދެމުންދާ އައިޖީއެމްއެޗުން ބުނި ކަމަށާއި ނަމަވެސް ފިރިހެން މީހާއަށް ލިބިފައިވާ އަނިޔާ ދެނެގަތުމަށްޓަކައި ޓެސްޓުތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް އޭނާއަށް ފަރުވާ ދެމުންދާ އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އަންހެން މީހާ ރަހީނު ކޮށްގެން ގެންގުޅޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަނި ފިރިހެނަކު އަންހެނެއްގެ މޫނު މަތީގައި އަތް އަޅައި، ހިފަހައްޓައިގެން ހުންނަ މަންޒަރެވެ. އެ ގޭގެ ދޮރު ކައިރީގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރުވެސް ފެނެއެވެ.
އެހެން ވީޑިއޯއެއްގައި ފެންނަނީ އެ ފިރިހެން މީހާ، އަންހެން މީހާ ސައިކަލެއްގެ ކުރިއަށް އަރުވައިގެން އެ ސަރަހައްދުން ދާ މަންޒަރެވެ. އޭރު އެތަނުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ.
އިތުރު ވީޑިއޯއަކުން ފެންނަ ގޮތުގައި ފުލުހުން އަންހެން މީހާ ސަލާމަތްކުރީ ސައިކަލުގައި މަޑުކޮށްގެން އިންދާ ފިރިހެން މީހާގެ ބޮލުގައި މުގުރުން ޖެހުމަށްފަހުއެވެ. އެ ވަގުތު ދެ މީހުން ސައިކަލާއެކު ބިންމައްޗަށް ވެއްޓޭތަންވެސް ފެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު