ވިޔަފާރީގެ މުއާމަލާތްތަކުގައި ބިދޭސީންގެ އެކައުންޓަށް ފައިސާ ޖަމާކުރުމަކީ ކުށެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ވިޔަފާރީގެ މުއާމަލާތްތަކުގެ ފައިސާ ބިދޭސީންގެ އެކައުންޓަށް ޖަމާކުރުމަކީ އެއްވެސް ވަރަކަށް ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. ވިޔަފާރިތައް ހިންގާ ފަރާތްތަކުން ފައިސާ ޖަމާކުރާނެ ވިޔަފާރީގެ އެކައުންޓެއް ނުވަތަ އެސްޕީއޭ ގޮތަށް ރަޖިސްޓާކޮށްގެން ފައިސާ ޖަމާކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެއްވެސް ހާލެއްގައި ބިދޭސީއެއްގެ އެކައުންޓަށް ވިޔަފާރިންކުރާ ފައިސާ އެއްވެސް ހާލެއްގައި ޖަމާކުރުމަކީ ހުއްދަ ކަމެއް ނޫން ރާއްޖޭގައި. އެކްސެޕްޝަން ޓު ޕޮލިސީ އޮތްކަމެއް ނޫން އެއީކީ. އެއީ ފަހުން ތިމަންނަ އޯނަރު މީހާގެ އެކައުންޓަށް ޖަމާކުރާނެމޭ، މިއީކީ އޮތް ގޮތެއް ނޫން ރާއްޖޭގައި. އެހެންވީމާ އެއީ އަޅުގަނޑުމެން ޓޮލަރޭޓް ކުރާނެ ކަމެއް ނޫން،" އިހުސާން ވިދާޅުވިއެވެ.
އިހުސާން އެގޮތަށް ވިދާޅުވެފައިވަނީ މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި "ރިޓްޒް ބިއުޓީ ސެލޫން" ގެ ނަމުގައި މާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ ރަޖަނީ ޝްރެސްތާ ނުވަތަ އާންމު ނަމުންނަމަ ރިޒް ޑީޕޯޓް ކޮށްލައިފައިވާކަން އިމިގްރޭޝަނުން ހާމަކުރުމުން އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އިމިގްރޭޝަނުން އޭނާ ޑީޕޯޓްކޮށްލީ މިމަހުގެ 11 ގައެވެ.
ރަޖަނީ ޝްރެސްތާ ރާއްޖެއިން ޑީޕޯޓް ކޮށްލާފައިވަނީ އޭނާ ގަވާއިދާހިލާފަށް އަދި ސައްހަ ވިސާއެއްގައި ހުއްޓައި ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އިހުސާން ވިދާޅުވީ އިމިގްރޭޝަނުން އޮޕަރޭޝަންތައް އަމާޒުކުރަނީ ޖިނާއީ ކުށްކުރާ މީހުންނަށާއި ގަވާއިދާހިލާފަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ކަމަށެވެ. އަދި އާންމު ސިއްހަތަށް ގެއްލުންވާ ފަދަ ގޮތަކަށް އަމަލުކުރަމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން ކަމަށް އިހުސާން ވިދާޅުވިއެވެ. އެ ތިން ކެޓަގަރީގެ މީހުން ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑީޕޯޓް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މީގެ ތެރޭގައި މި ދެންނެވި ފަރާތުން ހިންގަމުން އައި ސެލޫންގެ ފައިސާ ދައްކަން އެ ސެލޫންގެ ކައުންޓަރު މަތީގައި ބައިންދާފަ އިން ބޯޑުގެ އެކައުންޓު ނަންބަރަކީ އެ މީހާ ފާސަނަލް ގުޅުމެއް ބާއްވައިގެން އުޅުނު ރާއްޖޭގަ މަސައްކަތްކުރާ އެހެން ބިދޭސީ މަސައްކަތްތެރިއެއް. މިއީ ސްޓޭޓްމެންޓުގައި އެ މީހާ އެއްބަސްވެފަ އޮތް ކަމެއް. މި ހިސާބުން އެ މީހާ ޑީޕޯޓްކުރަން ނިންމުނީ،" އިހުސާން ވިދާޅުވިއެވެ.
ރަޖްނީއަކީ މީހެއްގެ ބެލުމުގެ ދަށުން ވަޒީފާ އަދާކުރުމަށް ރާއްޖެ އައިސްހުރި މީހެއް ކަމަށާއި އޭނާއަށް ވިޔަފާރިއެއް ނުކުރެވޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ. ރަޖްނީ ވިޔަފާރި ކުރަމުންދިޔަކަން އިމިގްރޭޝަނަށް ޝައްކެއް ނެތް މިންވަރަށް ޔަގީން ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު