ރާއްޖޭގައި އުޅޭ ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމެއް ހަދަން މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު އެއްބަސްވުމެއް ހަދަން ޖެހުނީ، އެ ކުންފުންޏާއެކު ކުރިން ހަދާފައި އޮތް އެއްބަސްވުން ބާތިލުކުރާނަމަ ބޮޑު ބަދަލެއް ދޭންޖެހޭތީ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ މެލޭޝިއާގެ އެ ކުންފުންޏާއެކު ރާއްޖެއިން އެއްބަސްވުން ހަދާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ރާއްޖެ އިން 2019 ވަނަ އަހަރުގެ ތެރޭގައި ބަންގްލަދޭޝް އިން މަސައްކަތްތެރިން އެތެރެކުރުން ހުއްޓާލަން ނިންމުމާއެކު 15 އަހަރުގެ މުއްދަތަށް ހެދި އެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓުނީ ކަމަށް ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މިދިޔަ ސަރުކާރުން އެ އެއްބަސްވުމަށް ހަދާނެ ގޮތަކާމެދު ބެސްޓިނެޓް ކުންފުންޏާ ވާހަކަދެއްކި ކަމަށާއި ނަމަވެސް އެ ކުންފުނިން އެދުނީ އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރުގެ ދިނުމަށް ކަމަށެވެ.

"އެ މީހުން ރާއްޖެއަށް ދީފައި އޮތީ ދެ އޮޕްޝަނެއް. އެއް އޮޕްޝަނަކީ 13.7 މިލިއަން ޑޮލަރުގެ އެ މީހުންނަށް ލިބުނު ބިޒްނަސް ލޮސް އެ ވަގުތަށް ދައްކާފައި އަދި ފަހުން 15 އަހަރު ދުވަހަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުން. އެއީ ކިހާ އަދަދެއް ކަމެއްވެސް ނޭނގޭ. ދެވަނަ އޮޕްޝަނަކަށް ދީފައި އޮތީ އެހެން ހިދުމަތްތަކާއެކުގައި ފޮރިން ޕްލޭސްމަންޓް ސިސްޓަމެއް ރާއްޖޭގައި ގާއިމުކުރުން،" އިހުސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބެސްޓިނެޓް ކުންފުނީގެ އެ ހުށަހެޅުންތައް ދިރާސާ ކުރުމަށްފަހު އެ ކުންފުންޏަށް ސިސްޓަމް ހަދަން ހަވާލުކުރަން ނިންމީ ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދިނުމަށް ބޭނުންނުވާތީ ކަމަށެވެ.

އަދި އާ ސިސްޓަމް އާއެކު ރާއްޖެއަށް އަންނަ ބިދޭސީ މަސައްކަތްތެރިންގެ އަތުން ލިބޭ ފައިސާ އެތައް ގުނައެއް އިތުރުވާނެ ކަމަށާއި އެގޮތުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެމުން އައި 685 މިލިއަން ރުފިޔާގެ ބަދަލުގައި 927 މިލިއަން ރުފިޔާ އަހަރަކު ލިބެން ފަށާނެ ކަމަށް ވިދާޅުވިއެވެ.

އިހުސާން ވިދާޅުވި ގޮތުގައި އާ ސިސްޓަމް އަންނަ އަހަރުގެ ފެބްރުއަރީގައި ބޭނުންކުރަން ފަށާނެއެވެ.