ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި ވަކި ސަފީރަކަށް އުދަނގޫކުރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ އިއްޔެ ހައްޔަރުކުރި ދެ އަންހެނުންގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ.

އެ މައްސަލައިގައި ފުލުހުން އިއްޔެ މެންދުރުފަހު ހައްޔަރުކޮށްފައިވަނީ މ. ބަޑިކުޅިމާގެ/ އާއިޝަތު ޝާދިޔާ (47އ) އަދި ގދ. ރަތަފަންދޫ/ ލިލީގެ، ޑރ. ޝަދުރާ އިބްރާހިމް (36) އެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުން ބުނާ ގޮތުން ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ ދެ އަންހެނުންނަކީ ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް މެދުކެނޑުމެއް ނެތި އިހުތިޖާޖުކޮށް އަޑު އުފުލަމުންދާ ދެ އަންހެނުންނެވެ. އޭގެ ތެރެއިން ޝާދިޔާއަކީ ޝައިހް ޑރ. މުހައްމަދު އިޔާޒްގެ އަނބިކަނބަލުންނެވެ.

ފުލުހުން އެ މީހުންނަށް ކުރާ ތުހުމަތަކީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލަވައި، ބޭއަދަބީ ބަހުން މުއާމަލާތް ކުރުމުގެ އިތުރުން ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ކަންކަން ކުރުމެވެ.

އޭގެ އިތުރުން ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތަކެއް ހިންގަމުން ގެންދިއުމާއި އެކަމާ ގުޅިގެން ސުލްހަވެރިކަމާއެކު އެ ސަރަހައްދުން ދިއުމަށް ފުލުހުން އެންގުމުން، އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުވެސް ކުރެއެވެ.

ނަމަވެސް, ފުލުހުން އެ ދެ އަންހެނުން އުނދަގޫކުރީ ކޮން ސަފީރަކަށް ކަމެއް އަދި ކޮން ޑިޕްލޮމެޓިކް މިޝަންތަކަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރުމުގެ ކުރިން އެފަދަ އަމަލުތައް ނުކުރުމަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ.