ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ޑޮލަރުން ޓެކްސް ދައްކާ ގޮތަށް ބަދަލުކުރުމުން ދައުލަތުގެ އާމްދަނީއަށް ގާތްގަނޑަކަށް 40-80 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕެންޝަނާއި އާމްދަނީ ޓެކްސް އަދި އިމްޕޯޓް ޑިއުޓީ ޑޮލަރުން ދައްކާ ގޮތަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.
ސަރުކާރު ހިންގާ ޕީއެންސީން އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރައްވަނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ކަމަށާއި ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށް ކަމަށެވެ.
ސައީދު ވިދާޅުވީ، އެ ބަދަލުތައް ގެނެވޭނީ ގާނޫނަށް ވެސް ބަދަލުތަކެއް ގެނެސްގެން ކަމަށާއި ރައީސްގެ ވިޝަންއަކީ، ގާނޫނީ ބަދަލުތައް ވީހާ ވެސް އަވަހަކަށް ތަންފީޒު ކުރުން ކަމަށެވެ.
"ދެން މީގެ ވެލިއުއަކީ ކޮބައިތޯ؟ އަޅުގަނޑުމެން މިދަނީ އެއަށް މަސައްކަތް ކުރަމުން. އަންދާޒާކުރެވޭ ވެލިއުތަކެއް ހުރީ. އޭގެ ތެރޭގައި 40-80 މިލިއަން ޑޮލަރާ ދެމެދުގެ އަދަދުތަކެއް މިހުރީ،" ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ، ރާއްޖޭގައި 950 އެއްހާ ފޮރިން އިންވެސްޓްމަންޓް އެބަހުރި ކަމަށާއި އޭގެ ތެރެއިން 500 އަށްވުރެ ގިނަ އިންވެސްޓްމަންޓަކީ ފަތުރުވެރިކަމާ ގުޅުންހުރި އިންވެސްޓްމަންޓްތައް ކަމަށެވެ. އެހެންކަމުން، ޑޮލަރުގެ އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތައް އަޅާނީ އެ ފަރާތްތަކާ މަޝްވަރާކޮށް އިންވެސްޓަރުންނާއި ވިޔަފާރިތަކަށްވެސް އުނދަގޫ ނުވާނޭ ގޮތަށް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު