ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ 473 މައްސަލައެއް "އިމިގްރޭޝަން ވޮޗް" އަށް ރިޕޯޓުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ.
"އިމިގްރޭޝަން ވޮޗް" އަކީ އިމިގްރޭޝަނާ ގުޅުން ހުރި ކަންތައްތައް ރިޕޯޓްކުރުމަށް ރައްޔިތުންނަށް ހުޅުވާލި ޕްލެޓް ފޯމެކެވެ. އެ ޕްލެޓްފޯމް އިފްތިތާހު ކުރީ މި އަހަރުގެ ޖުލައި 17ގައެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް 24 ގަޑިއިރު ކޮންމެ މީހަކަށްވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސިންގެ މައުލޫމާތު އިމިގްރޭޝަނާ ހިއްސާ ކުރެވޭނެއެވެ.
ސަރުކާރުގެ އިދާރާތަކުގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓް، "ސަރުކާރު" ގައި އިމިގްރޭޝަނުން ބުނީ މިދިޔަ އާދިއްތަ ދުވަހާ ހަމައަށް 473 މައްސަލައެއް އެ މުއައްސަސާއަށް ރިޕޯޓުކުރި ކަމަށާއި އޭގެ ތެރެއިން 369 މައްސަލަ ބަލަމުންގެންދާ ކަމަށެވެ.
އޭގެ އިތުރުން 82 މައްސަލައެއް ވެރިފައި ކުރަމުންދާ ކަމަށާއި އަދި އިމިގުރޭޝަނާ ނުގުޅޭ 22 މައްސަލައެއް ވެސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
"އިމިގްރޭޝަން ވޮޗް"ގެ ޕްލެޓްފޯމުން ކޮންމެ ފަރާތަކަށް ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެ ކަމަށާއި ނުވަތަ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުވެސް ލިބިފައިވާ ނަމަ ހިއްސާ ކުރެވޭނެ ކަމަށެވެ.
އެ ޕްލެޓްފޯމް ބޭނުންކޮށްގެން މައުލޫމާތު ދޭ މިހާގެ ވަނަވަރު "އެނޮނިމަސް" ކޮށް ވެސް ރިޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި އެކަމުގެ ސަބަބުން އިމިގްރޭޝަނާއި އާންމުން ގުޅިގެން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރެވިދާނެ ފުރުސަތުތައް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނާ ގުޅުންހުރި ރިޕޯޓެއް ނުވަތަ މައްސަލައެއް ހުށަހަޅާ އިރު، މައުލޫމާތާ ފޮޓޯވެސް އެ ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނާއި އިދާރާތައް ގުޅިގެން މިހާރު ކުރިއަށްދާ އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށް، އެ މީހުން ގެންދަނީ އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކުރަމުންނެވެ. އަދި ގަވާއިދާ ހިލާފަށާއި ސާފުތާހިރުކަމުގެ މިންގަނޑާ ހިލާފަށް ހިންގާ ކެފޭ/ރެސްޓޯރެންޓްތަކާއި އެނޫންވެސް ތަންތަން ގެންދަނީ ބަންދު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު