އަލް އަގްސާ މިސްކިތް ހުންނަ ކޮމްޕައުންޓް ތެރޭގައި ޔަހޫދީ ފައްޅިއެއް އަޅާނެ ކަމަށް ބުނެ އިޒްރޭލުގެ މިނިސްޓަރެއް ކަމަށްވާ ބެން ޖީވިރް ދެއްކެވި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
ބެން ޖީވިރް އެގޮތަށް ވިދާޅުވީ އޭނާ އަގްސާ މިސްކިތުގެ ކޮމްޕައުންޑަށް ވަޑައިގެން ނަންގަވާފައިވާ ވީޑިއޯއެއް މެދުވެރިކުރައްވައެވެ.
އެކަން ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އަގްސާ މިސްކިތަކީ 1.8 ބިލިއަން މުސްލިމުންނަށް ތާރީހީ ގޮތުންނާއި ދީނީ ގޮތުން މުހިންމު ތަނެއް ކަމަށެވެ. އަގްސީ މިސްކިތަކީ ހަމައެކަނި އަޅުކަން އަދާކުރުމަށް ބޭނުންކުރާ މިސްކިތެއް ނޫން ކަމަށާއި އެއީ އިސްލާމީ ތަރިކައެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން އެކަން އެގޮތަށް ވިޔަ ނުދިނުމަށް މަސައްކަތްކޮށް، ގުދުސްގެ ގާނޫނީ ދަރަޖައަށާއި ދީނީ ތަންތަނަށް ގެއްލުންނުވާނެކަން ކަށަވަރުކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ބައިނަލްއަގުވާމީ ގާނޫނާއި އދ. ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަގްސާ މިސްކިތުގެ ތާރީހަށް އިހުތިރާމް ކުރުމަށް އިޒްރޭލަށް ގޮވާލާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ އިޒްރޭލު ސަރުކާރުގެ އެފަދަ ވާހަކަތުގެ ސަބަބުން ގާޒާގައި ހަނގުރާމަ މެނދުކަނޑާލުމަށް ކުރަމުން އަންނަ މަސައްކަތަށްވެސް ހުރަސް އެޅޭނެ ކަމަށެވެ.
އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ނިމުމެއް ގެނެވެން އޮތީ 1967 ވަނަ އަހަރުގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަން ކުރާ ރަށް ކަމަށް ކަނޑައަޅައި، އިޒްރޭލުގެ އަތްދަށުން ފަލަސްތީނު މިނިވަންކޮށް، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމަކަށް ހަދައިގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު