ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި އައިޝަތު ނޫރައްދީން އެ ބޭންކުގެ ބޯޑު މެންބަރުން ކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 31 އޮގަސްޓު 2020 ގައި އެ ބޭންކުގެ ބޯޑަށް އައްޔަން ކުރެއްވި އައިޝަތު ނޫރައްދީން ކުރެއްވި އަގު ހުރި މަސައްކަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

އައިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވީ، އޭނާ އެ ބޯޑުން ވަކިކޮށްފައިވާ ކަން މިދިޔަ ހޮނިހިރު ދުވަހު ޕީސީބީން އަންގާފައި ވަނިކޮށެވެ.

ބީއެމްއެލްގެ ހިންގާ ގަވާއިދު ބުނާ ގޮތުން އެ ބޭންކުގެ ޑިރެކްޓަރުންނަކީ އެ ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ހުށަހަޅައިގެން ބޭންކަށް އައްޔަންކުރާ ފަރާތްތަކެކެވެ. އެގޮތުން މައިހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރަށް ހަތް ޑިރެކްޓަރުން އައްޔަން ކުރަން ލިބޭއިރު ބާކީ ތިބޭ ހަތަރު ޑިރެކްޓަރުންގެ ތެރެއިން ތިން ޑިރެކްޓަރުން އިންތިހާބު ކުރަނީ އާންމު ހިއްސާދާރުންގެ ތެރެއިންނެވެ. ދެން ހުންނަނީ ސަރުކާރުން ހުށަހަޅައިގެން އައްޔަންކުރާ މުސްތަގިއްލު ޑިރެކްޓަރެކެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުން ސަރުކާރުން ހުށަހަޅާ ޑިރެކްޓަރުންގެ ނަންތައް ފާސްކުރަނީ ސަރުކާރުގެ ހިއްސާ ހިމެނޭ ގޮތަށް ނަގާ ވޯޓަކުންނެވެ. އަދި އާންމު ހިއްސާދާރުންގެ ތެރެއިން އިންތިހާބުކުރާ ޑިރެކްޓަރުންގެ ނަންތައް ފާސްކުރަނީ ހަމައެކަނި އާންމު ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ހުރިހާ ޑިރެކްޓަރުންގެ ނަންވެސް ފާސްކުރަން ޖެހެނީ އަހަރީ އާންމު ޖަލްސާގައެވެ.

މިދިޔަ ޖެނުއަރީގައިވެސް ޕީސީބީން ބީއެމްއެލްގެ ފަސް ޑިރެކްޓަރަކު މަގާމުން ވަކިކުރި އެވެ. ނަމަވެސް ފަހުން އެ ބޭފުޅުން އަލުން ބޯޑަށް ހަމަޖެއްސިއެވެ.