ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާކޮށްފައިވާ ލ. މާމެންދޫ، ސޯސަންވިލާ، ޝައިހް އާދަމް ނިޝާން އާއި އައްޝައިހް ށ. މިލަންދޫ، ނާޒް، ފަޒްލޫން މުހައްމަދުގެ ވަކީލުން ހާޒިރު ނުވެގެން އެ މައްސަލައިގެ ޝަރީއަޔް މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަކަށް ނުގެންދެވުނެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ. މިއަދުގެ އަޑުއެހުމަށް އެއް ވަކީލު ހާޒިރުނުވީ ބަލިވެ އުޅޭކަމަށް އެންގުމަށްފަހުގައެވެ. ދެން ހުރި ވަކީލު ފޯނު ނުނަގާކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންނަމަވެސް ދައުވާލިބޭ ދެމީހުންވެސް ބުނެފައި ވަނީ މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށެވެ.

ގާޒީވެސް ވިދާޅުވީ އަޑުއެހުމުގައި ދައްކަންހުރީ ގާނޫނީ ވާހަކަތަކެއް ކަަމަށާއި، އެ ވާހަކަތައް ދެއްކޭނީ ވަކީލަށް ކަމަށެވެ. އެހެންކަމުން ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމަށް ވަކީލަކު ހާޒިރު ކުރުމަށް މަސައްކަތް ކުރުމަށް ހަސްމުންނަށް ދަންނަވައިފައެވެ.

މި މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި އޮތީ ދައުވާ ސާފު ކުރުމުގެ މަރުހަލާގައި ދައްކަންޖެހޭ ވާހަކަތައް ދެއްކުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.