ޖަރުމަނުން އެފްރިކާއަށް އެމްޕޮކްސްގެ 100،000 ޑޯޒްގެ ވެކްސިން ފޮނުވަން ނިންމައިފިއެވެ.

ޖަރުމަނުން މިގޮތަށް ހަމަޖައްސާފައި ވަނީ، އެފްރިކާގެ ގައުމުތަކުގައި ބާރު ސްޕީޑުގައި ފެތުރެމުންދާ އެމްޕޮކްސްގެ އެންމެ ނުރައްކާތެރި ބާވަތުގެ ވައިރަސް ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަރުމަނުން ވަނީ އެ ގައުމުން އެފްރިކާއަށް ފޮނުވުމަށް ހަމަޖެހިފައިވާ އެމްޕޮކްސް ވެކްސިންގެ ޑޯސްތަކަކީ މިލިޓަރީ ބޭނުމަށް އެގައުމުގައި ބަހައްޓާފައި ހުންނަ ސްޓޮކެއް ކަމަށް ބުނެފައެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ މައި ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ އެމްޕޮކްސް އެފްރިކާއިން ބޭރުގައި ވެސް ފެތުރެމުންދާކަމަށް އޮފިޝަލުން ބުނެއެވެ.

އެމްޕޮކްސްގެ ކޭސްތައް ގްރީސްގެ އިތުރުން ޕާކިސްތާނާއި ތައިލެންޑުން ވެސް ވަނީ ފެނިފައެވެ.