"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަމުންދާ 4،000 ހައުސިން ޔުނިޓް ހަވާލުކުރުން މަޑުޖައްސާލީ ހައުސިން މިނިސްޓްރީގެ އެންގުމަށް ކަމަށް އެ ފްލެޓްތައް ހަދަމުންދާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެފްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 4،000 ފްލެޓް ލިބޭ މީހުންނާއި އެ މީހުންނަށް ލިބޭނެ ޔުނިޓް ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަމަށްވާތީ، އެ ކޯޕަރޭޝަނުން އަމަލުކުރާނީ އެ މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ކަމަށެވެ.

"ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ޔުނިޓު ހަވާލުކުރުމާއި ގުޅުން ހުރި އެންމެހާ މަސައްކަތްތައް މަޑުޖައްސާލުމަށް މި ކޯޕަރޭޝަނަށް އަންގާފައި. އެހެންކަމުން، ޔުނިޓް ހަވާލުކުރުމާ ގުޅޭ ގޮތުން ކުރެވޭ އެންމެހާ މުއާމަލާތްތައް ކުރިއަށް ގެންދެވޭނީ އެ މައްސަލައާ ގުޅޭ ގޮތުން މިނިސްޓްރީން ވަކި ގޮތެއް އެންގުމުން ކަމުގައި ދަންނަވަން،" އެފްޑީސީން ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު އަންނަ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި 4،000 ފްލެޓް އެޅުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތުގެ ދަށުން ޖުންލަ 16 ޓަވަރެއް ހަދާނެއެވެ.