ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ އަދި ސާފުތާހިރުކަމުގެ މިންގަނޑާ ހިލާފުވުމުގެ ސަބަބުން މާލޭގެ ހެންވޭރުގައި ހުރި ތަނަކުން 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން ޓާސްކު ފޯސްއަށް ލިބިފައިވާ މައުލޫމާތަކާއެކު، އިއްޔެ ހ. ބިއަންކާ ވަނީ ބަލައި ފާސްކޮށްފައެވެ.

އެ ތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި އެ ރެއިޑުގައި އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުންނާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބައިވެރިވި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ ތަނުގައި ކުރަމުންދިޔަ ވިޔަފާރި ހުއްޓުވުމަށް އެމްއެފްޑީއޭ އިން ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނާއި އިދާރާތައް ގުޅިގެން މިހާރު ކުރިއަށްދާ އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށް، އެ މީހުން ގެންދަނީ އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކުރަމުންނެވެ. އަދި ގަވާއިދާ ހިލާފަށާއި ސާފުތާހިރުކަމުގެ މިންގަނޑާ ހިލާފަށް ހިންގާ ކެފޭ/ރެސްޓޯރެންޓުތަކާއި އެނޫންވެސް ތަންތަން ގެންދަނީ ބަންދު ކުރަމުންނެވެ.