ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުގެ ޕޭމަންޓްސް މެނޭޖުކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް މާލީ ގޮތުން ބޭންކް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފިއެވެ.

ބީއެމްއެލްގެ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓަށް ގެނައި ބަދަލާ ގުޅިގެން އެމްއެމްއޭ އިން ވަނީ އެ ބަދަލު މުރާޖާ ކުރަން ބޭންކަށް އަންގައިފައެވެ. އެއާއެކު ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ނިންމުން އަނބުރާ ގެންގޮސްފައެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރު މުއާމަލާތްތައް މެނޭޖުކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މައުލޫމާތު ހޯދައި އެ ކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެކި ފަހަރުމަތިން އެ އޮތޯރިޓީން ބީއެމްއެލްއާ ބައްދަލުކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ކޮވިޑަށްފަހު އެކިއެކި ބޭނުންތަކަށް ބޭރުގެ ފައިސާ އިން ކުރާ ކާޑުގެ މުއާމަލާތްތަކުގެ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން އެ ބޭންކުން ފާހަގަކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ ކޮވިޑާ ގުޅިގެން ސަރުކާރުގެ ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައި ކަމަށާއި އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ބީއެމްއެލް ކަމަށެވެ.

އެމްއެމްއޭ އިން ބުނީ، ސާޕްލަސް ލިކުއިޑިޓީގެ ބޮޑުބައެއް ޕާސަނަލް ލޯނުގެ ގޮތުގައި ބޭންކުތަކުން ދޫކޮށްފައިވާއިރު، ބޭންކިން ނިޒާމުގެ ތެރެއިން ދޫކޮށްފައިވާ ޕާސަނަލް ލޯނުގެ މިންވަރު 2019 ވަނަ އަހަރު ނިމުނު ހުރީ 2.9 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި މި އަދަދު މި އަހަރުގެ ޖޫން މަސް ނިމުނުއިރު ހުރީ 6.6 ބިލިއަން ރުފިޔާގައި ކަމަށް ބުންޏެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި، އެއީ ކާޑުގެ މުއާމަލާތްތައް މި މުއްދަތުގެ ތެރޭގައި އިތުރުވުމަށް ދިމާވި ސަބެބެކެވެ.

އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އަހަރުން އަހަރަށް އިތުރުކޮށްފައިވާކަން ފާހަގަކޮށް އެމްއެމްއޭ އިން ބުނީ، 2022 ވަނަ އަހަރު ނިމުނުއިރު ބޭންކުތަކަށް 267 މިލިއަން ޑޮލަރު ވިއްކާފައިވާއިރު މިދިޔަ އަހަރު ނިމުނުއިރު އެ އަދަދު 307 މިލިއަނަށް އިތުރުވެފައިވާ ކަމަށެވެ. މި އަހަރުވެސް އެ އަދަދު އިތުރުކޮށްފައިވާއިރު، އޭގެ ތެރެއިންވެސް ބޮޑު ބައެއް ދޫކޮށްފައި ވަނީ ބީއެމްއެލްއަށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ، ކުރިއަށް އޮތްތަނުގައި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި ރައްޔިތުންނާ ގުޅުން ހުރި ކަންކަމަށް ރިއާޔަތްކުރާ ބޭންކުތަކަށް އިސްކަންދޭނެ ކަމަށެވެ.