ރާއްޖޭގައި މިއަދު ނިންމާލި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފިރިހެން އޯޕަން ޗެމްޕިއަންކަން އިންޑޮނޭޝިއާގެ އައި މާޑޭ ޕަޖަރް އަރިޔާ ހޯދި އިރު، އަންހެން އޯޕަން ބައިގެ ޗެމްޕިއަންކަން ޖަޕާނުގެ މިރާއީ އިކެޑާ ހޯދައިފިއެވެ.

މިފަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި 20 ގައުމަކުން 120 އެތުލީޓުން ވާދަކޮށްފައިވާ އިރު، ހުރިހާ ޑިވިޝަނެއްގައިވެސް ފެނިގެންދިޔައީ ވަރަށް ވަރުގަދަ ވާދަވެރި ކަމެކެވެ. އެއީ މިފަހަރުގެ އިވެންޓަކީ 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގެ ސާފިން އިވެންޓްގެ ކޮލިފިކޭޝަން އިވެންޓަކަށްވީތީއެވެ. މި އަހަރުގެ މުބާރާތުން ޖުމުލަ ފިރިހެން 12 ސްލޮޓާއި އަންހެން 12 ސްލޮޓް، ގައުމުތަކަށް ޔަގީންވެގެން ގޮސްފައިވެއެވެ. އެއީ އަންހެން އަދި ފިރިހެން ޑިވިޝަންގެ ރީޖަނަލް ޓޮޕް ގައުމުތަކަށް އެއް ސްލޮޓާއި ދެން ރޭންކިން އެންމެ ރަނގަޅު ހަތް ގައުމަކަށް ދިން ސްލޮޓްތަކެވެ.

އަންހެން އޯޕަން ޑިވިޝަންގެ ޗެމްޕިއަންކަން މިރާއީ އިކެޑާ ނެގީ، ފައިނަލުގައި އޭނާ ނިސްބަތްވާ ޖަޕާނުގެ އަންރީ މަޓްސޫނޯއާއި ޗާއިނާގެ ސިގީ ޔޭންގް އަދި އިންޑޮނޭޝިއާގެ ޓައިނާ އޭންޖެލް އިޒްގުއޭޑޯ ބަލިކޮށްފައެވެ. މިރާއީ ވަނީ 12.93ގެ ސްކޯއެއް ފައިނަލުގައި ހޯދައިފައެވެ. މަޓްސޫނޯއަށް ހޯދުނީ 11.38ގެ ސްކޯއެކެވެ. ތިންވަނައަށް ޔޭންގް ދިޔައިރު، އޭނާގެ ސްކޯއަކީ 8.16 އެވެ. ފުލަށް ދިޔައީ 7،97ގެ ސްކޯ އަކާއެކު އޭންޖެލްއެވެ.

ފިރިހެން އޯޕަން ޑިވިޝަންގެ ފައިނަލް ހީޓްގައި ޕަޖަރް، 15.50ގެ ސްކޯއެއް ހޯދި އިރު، ދެވަނައިގައި ނިންމާލި އިންޑޮނޭޝިއާގެ އައި މަޑޭ ޖޮއި ސްޓްރިއަވާން ވަނީ 14.34ގެ ސްކޯއެއް ހޯދައިފައެވެ. ޖަޕާނުގެ އިއްކޮ ވަތަނަބޭ 11.80ގެ ސްކޯއެއް ހޯދި އިރު، ދެން ވާދަކުރި ޖަޕާނުގެ ޓަކީ ކަނަޒާވާއަށް ލިބުނީ 9.07ގެ ސްކޯއެކެވެ.

ޖޫނިއާ ފިރިގެން ސެމީގައި ރާއްޖޭގެ ކަޔާން ޒަކީ ވާދަކޮށް ތާރީހު ލިޔެލި ނަމަވެސް، އޭނާއަށް ފައިނަލަށް ނުދެވުނެވެ. ފައިނަލުގައި ޖަޕާނުގެ ޓާރޯ ޓަކާއީ ޗެމްޕިއަންކަން ޔަގީންކުރީ 16.50ގެ ސްކޯއަކާއެކުގައެވެ. ދެން ވާދަކުރީ ޖަޕާނުގެ ކައިސޭ އަޑާޗީއާއި ފިލިޕީންސްގެ ޓްރޯއީ އެސްޕެޖޮން އަދި ޗައިނާގެ ޗެންޒެންގް ވޭންގެވެ.

ޖޫނިއާ އަންހެން ޗެމްޕިއަނަކީ އަރީސާ އިޝީއެވެ. އޭނާގެ ވަނީ ފައިނަލް ހީޓުގައި 13.50ގެ ސްކޯއެއް ހޯދައިފައެވެ. ދެން އަންހެން ޖޫނިއާ ފައިނަލަށް ދިޔައީ ޖަޕާނުގެ ކޮކޯރާ ބާބާއާއި އިންޑޮނޭޝިއާގެ ހަނާ ސޫރީ ޖަބްރިކް އަދި ޔައޯމޭ ވޫއެވެ.

މި އަހަރުގެ އިވެންޓްވެސް ނިންމާލީ މަރުހަބާ ކަޕްގެ ނަމުގައި ކުރިއަށް ގެންދިޔަ ޓީމް އިވެންޓުންނެވެ. ރާއްޖޭގެ ކޯޗު އަދި ސާފިން ލެޖެންޑް ހުސައިން އަރީފް (އިބޫ)ވެސް މަރުހަބާ ކަޕްގައި ދިވެހި ޓީމުގައި ހިމެނުނެވެ. މީގެ ކުރިން އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ދެ ލޯ މެޑަލް ރާއްޖެއަށް ހޯދައި ދިން އިބޫ އާއެކުވެސް ރާއްޖެ ފައިނަލަށް ނުދިޔައެވެ. ފައިނަލުގައި ޖަޕާނާއި އިންޑިއާގެ އިތުރުން ޗައިނީސް ޓައިޕޭ އަދި ޗައިނާ ވާދަކޮށް ޖަޕާނުން މުބާރާތް ކާމިޔާބު ކުރީ ބޮޑު ސްކޯއަކުންނެވެ. ދެވަނައަކީ އިންޑިއާއެވެ.