"ރިޓްޒް ބިއުޓީ ސެލޫން" ގެ ނަމުގައި މާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ ރަޖަނީ ޝްރެސްތާ ނުވަތަ އާންމު ނަމުންނަމަ ރިޒް ޑީޕޯޓް ކޮށްލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އޭނާ ޑީޕޯޓްކޮށްލީ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ހިންގި ހާއްސަ އިންސްޕެކްޝަނަކަށްފަހު ކަމަށެވެ.

އެ އިންސްޕެކްޝަންގައި ރިޒްއަކީ އޭނާއަށް ދޫކޮށްފައިވާ ވިސާގެ ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ މީހެއް ކަމަށާއި އޭނާއާއި އޭނާގެ ސެލޫންގައި މަސައްކަތްކުރާ ބިދޭސީ ހަތަރު މުވައްޒަފުންނަކީ ސައްހަ ވިސާއެއް ނެތް ބައެއްކަން ފާހަގަކުރެވުނު ކަމަށް ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، އެ މައްސަލަތަކާ ގުޅިގެން އެ މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސް، މި މަހުގެ 13 ވަނަ ދުވަހު ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ.