އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެސިސްޓަންޓް އިންވެސްޓިގޭޝަން އޮފިސަރަކަށް، އެކޮމިޝަނުން ފިޔަވަޅު އެޅީ ގޯސްކޮށް ކަމަށް ނިންމައި އެއަށް ބަދަލު ގެންނަން ވަޒީފާ އާބެހޭ ޓްރައިބިއުން އޭސީސީއަށް އަންގަން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ނުވައެއް މެއި 2020 ގައި ފޭސްބުކް ޕޭޖެއްގައި، އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ވިޔަފާރީގެ ގުޅުން ދައްކުވައިދޭ ޗާޓެއް ހިމަނާފައިވާ މައްސަލައަކާ ގުޅިގެން، އެ ޗާޓަކީ އެ މުވައްޒަފު ތައްޔާރު ކުރަމުން ދިޔަ

ޗާޓެއް ކަމަށް ކުރި ތުހުމަތުތަކާ ގުޅޭ މައްސަލައެކެވެ.

އެ ތުހުމަތުތަކާ ގުޅިގެން އެ މުވައްޒަފާ ގުޅޭގޮތުން ޑިސިޕްލިނަރީ މައްސަލަ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު އެކުލަވާލި ރިޕޯޓަށް ރިއާޔަތްކޮށް، އޭނާ ކޮށްފައިވާ އަމަލަކީ "އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިންޓެލިޖެންސް ޔުނިޓުގެ ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުން" އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގަވާއިދާ ހިލާފަށް އަދި އެ ފަރާތުން އަމަލުކުރަންޖެހޭ ބެސްޓް ޕްރެކްޓިސްއާ ވެސް ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަހެއް ޖުލައި 2020 އިން ފެށިގެން އޭނާގެ ވަޒީފާ އިންޓެލިޖެންސް ޔުނިޓްއިން އިންވެސްޓިގޭޝަން ޔުނިޓަށް ބަދަލުކޮށް، އިންޓެލިޖެންސް ޔުނިޓުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި އެ ޔުނިޓުގެ ހެޑެއްގެ ހައިސިއްޔަތުން އޭނާއަށް ދީފައިވާ އެކްސެސްތައް ކަނޑާލުމަށް ނިންމިއެވެ.

ނަމަވެސް އޭސީސީން ފިޔަވަޅު އެޅީ، ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ މުވައްޒަފުގެ ފަރާތުން އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.

ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އޭނާ އެދިފައި ވަނީ، އޭސީސީން އެޅި ފިޔަވަޅުތަކަކީ، ވަޒީފާއާބެހޭ ގާނޫނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ ގަވާއިދާ ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމުގައި ކަނޑައެޅުމަށާއި މި މައްސަލައިގައި އޭނާ އަމަލުކޮށްފައިވަނީ އޭސީސީގެ އިންޓެލް ޔުނިޓުން އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ނިންމި ނިންމުމަކީ ބާތިލް

ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެ މައްސަލަ ބެލުމަށްފަހު، 30 ޖޫން 2022 ގައި ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، އެ މުވައްޒަފާ މެދު އޭސީސީން އަޅާފައިވާ ފިޔަވަޅަކީ އެކަށީގެންވާ ހަމައަކުން އަޅާފައިވާ ފިޔަވަޅެއް ނޫން ކަމަށެވެ. އަދި އެއީ ވަޒީފާއާބެހޭ ގާނޫނާއި އޭސީސީގެ ގަވާއިދާ ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ކަނޑައަޅައި އޭނާކުރި އަމަލަކީ އޭސީސީގެ އިންޓެލިޖެންސް އޮފިސަރުން އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށް ބުނެ އޭނާ އަދާކުރަމުންދިޔަ ޔުނިޓް ބަދަލުކޮށް، އަޅާފައިވާ ފިޔަވަޅަކީ ބާތިލް ފިޔަވަޅެއް ކަމަށް ކަނޑައަޅާ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެއިތުރުން އެފިޔަވަޅާ ގުޅޭ އެންމެހާ ލިޔުންތައް އެ މުވައްޒަފުގެ ޕާސަނަލް ރެކޯޑުން އުނިކުރުމަށްފަހ،ު ތިން ދުވަހުގެ ތެރޭގައި އެކަން ޓްރައިބިއުނަލަށް އެންގުމަށްވެސް ޓްރައިބިއުނަލުން އޭސީސީއަށް އަމުރުކުރިއެވެ.

ނަމަވެސް ޓްރައިބިއުނަލްގެ އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އޭސީސީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ.

އޭސީސީން ހައި ކޯޓުގައި އެދިފައި ވަނީ، ޓްރައިބިއުނަލުން އެ މައްސަލަ ނިންމާފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތީން ނޫން ކަމަށާއި ކޮމިޝަނުން މުވައްޒަފަށް އަޅާފައިވާ ފިޔަވަޅަކީ ގާނޫނީ ހަމަތަކުގެ މަތީން އަޅާފައިވާ ފިޔަވަޅެއްކަމުގައި ކަނޑައަޅައިދިނުމަށެވެ.

މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ، އެ މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ނިންމުމަށް ބަދަލު ގެނަންޖެހޭ ސަބަބެއް ނެތް ކަމަށް، މި މައްސަލަ ހައިކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާ ކަމަށެވެ.