އަމިއްލަ ކުންފުންޏެއް ކަމަށްވާ، ކޭބަލް ޝޮޕް އަށް 5.3 މިލިއަން ރުފިޔާ ދޭން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ ކޭބަލް ޝޮޕުން ފެނަކައަށް ސަޕްލައިކޮށްދިން މުދަލުގެ އަގު ހޯދުމަށް ފޮނުވާފައިވާ 93 އިންވޮއިސް އަށް 24 އޮކްޓޯބަރު 2021ގެ ނިޔަލަށް ލިބިފައިނުވާ 27.6 މިލިއަން ރުފިޔާ ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް ކޭބަލް ޝޮޕްގެ ފަރާތުން ބ. އޭދަފުށީ/ ހުދުވެލި، މުހައްމަދު ޝާމިން ފެނަކައިގެ މައްޗަށް ކުރި ދައުވާއަކާ ގުޅިގެން އުފެދުނު މައްސަލައެވެ.
ފެނަކަ އިން 27.6 މިލިއަން ރުފިޔާ ހޯދަން ކޭބަލް ޝޮޕްގެ ފަރާތުން ޝާމިން މީގެ ކުރިން ހުށަހެޅި ދައުވާ ކުރިއަށްދަނިކޮށް، ފައިސާ ދެއްކުމާ ގުޅޭ ގޮތުން 17 މާޗް 2022 ގައި ކޯޓުން ބޭރުން ދެ ފަރާތުން އެއްބަސްވުމެއް ހަދައި އެ އެެއްބަސްވުމުގެ ދަށުން ފައިސާ ދައްކަން ފެށިއެވެ. ނަމަވެސް ވަކި ހިސާބަކުން އެ އެއްބަސްވުމާއި އެއްގޮތަށް ފެނަކައިން ފައިސާ ދައްކަމުން ނުދާ ކަމަށް ބުނެ، ކޭބަލް ޝޮޕްގެ ފަރާތުން 23 އޮކްޓޯބަރު 2022 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އެ ދައުވާގައި ކޭބަލް ޝޮޕުން ބުނެފައި ވަނީ، އެއްބަސްވުމާއި އެއްގޮތަށް ފެނަކަ އިން ފައިސާ ދައްކަމުންނުދާތީ އެ ފަރާތައް ދޭން އޮތް 27.6 މިލިއަން ރުފިޔާގެ ތެރެއިން 11.8 މިލިއަން ރުފިޔާ ނުލިބިވާ ކަމަށެވެ. އެހެންކަމުން އެ ފައިސާއާއި އެއްބަސްވުމާއި އެއްގޮއްތަށް ފައިސާ ނުދައްކައި ފެނަކަ އިން އެއްބަސްވުމާއި ހިލާފުވުމުގެ ސަބަބުން ކޭބަލް ޝޮޕަށް ލިބެމުންދާ ގެއްލުމުގެ ބަދަލު ޝަރީއަތް މެދުވެކޮށް އެއްފަހަރާ ހޯދުމަށްވެސް އެ ފަރާތުން ކޯޓުގައި އެދުނެވެ.
އެ މައްސަލަ ބެލުމަށްފަހު 9 ފެބްރުއަރީ 2023 ގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، ފެނަކައާ ދެކޮޅަށް ކޭބަލް ޝޮޕްގެ ފަރާތުން ޝާމިން ހުށަހަޅާފައިވާ ދައުވާއާ ގުޅިގެން ފެނަކަ އިން ކޭބަލް ޝޮޕަށް ދައްކަން ޖެހެނީ 9.6 މިލިއަން ރުފިޔާ ކަމަށެވެ. އަދި ހުކުމް ކުރި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށްވެސް ހުކުމްކޮށްފައިވެއެވެ.
އެ މައްސަލައަށް ފެނަކަ އިން ޖަވާބުދާރީ ވެފައިނުވާތީ، އެ ފަަހަރު ހުކުމް ކުރީ ފެނަކައިގެ ގައިރު ހާޒިރުގައެވެ.
ނަމަވެސް ކޭބަލް ޝޮޕް އަށް 5.3 މިލިއަން ރުފިޔާ ދޭން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން އަމުރުކުރީ 9 ފެޕްރުއަރީ 2023 ގައި ކުރި ހުކުމާ އެއްގޮތަށް ފެނަކައިން ފައިސާ ދައްކަމުން ނުދާތީ، އެ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ޝާމިން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
އެއްފަހަރާ އެ ފައިސާ ދެއްކެން ނެތް ކަމަށާއި މަހަކު 400،000 އަަށްވުރެ މަދު ނޫން އަދަދެއް ދައްކަންޖެހޭ ގޮތަށް ހަމަޖައްސައި ދިނުމަށް ފެނަކަ އިން ކޯޓުގައި އެދުނު ނަމަވެސް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު އަމުރުކޮށްފައިވަނީ، އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ކުރިން ޝާމިންއަށް ފައިސާ ދެއްކުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު