ރައީސް ޑރ. މުހައްމަދު މުއިއްޒު "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" ނަމުގައި އާ އިދާރާއެއް މިއަދު ގާއިމުކުރައްވައިފިއެވެ.

އެ އިދާރާއަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ރައީސް މުއިއްޒު އުފެއްދެވި އިދާރާ އެކެވެ.

"ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގާއިމުކުރެއްވުމާ ގުޅިގެން، މިހައިތަނަށް މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މިއަދުން ފެށިގެން ވަނީ އުވައިލައްވާފައެވެ" ރައީސް އޮފީހުން ބުންޏެވެ.

އަލަށް އުފެއްދި "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" ހިންގުމަށް ހަމަޖެހިފައިވަނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ.

އެމްއެފްޑީއޭއަށް ދިން ބާރުތަކުގެ ތެރޭގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި ގަވައިދުތަކާ ހިލާފަށް ކާބޯތަކެތި ހަދާފައިވާ ނަމަ، އެތަނެއް ޖޫރިމަނާ ކުރުމާއި ބަންދުކުރެވޭނެއެވެ. އެގޮތުން ގާނޫނާ ހިލާފަށް ކާބޯތަކެތި ހަދައި ވިއްކާ ނަމަ، 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ ފަރާތަކާ މެދު ޖިނާއީ ފިޔަވަޅު ވެސް އެޅޭނެއެވެ.

މީގެ އިތުރުން ކާބޯތަކެތި ހަދައި ވިއްކާ ތަންތަން ބަލައި ފާސްކުރުމަށް އެތަންތަނަށް ވަނުމުގެ ބާރުވެސް އެމްއެފްޑީއޭއަށް އޮންނާނެއެވެ. އަދި ގަވައިދާ ހިލާފުވާ ތަންތަން ބަންދުކޮށް، އެކަންކަން އިސްލާހުކުރުމުން ހުޅުވަން ހުއްދަ ދިނުމުގެ ބާރު ވެސް ލިބިދެއެވެ.