ކ. ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފިރިހެން 18 އަހަރުން ދަށުގެ ޖޫނިއާ ބައިގެ ސެމީ ފައިނަލަށް ރާއްޖޭގެ ކަޔާން ޒަކީ ދަތުރު ކޮށްފިއެވެ.
ކަޔާން ޒަކީ ވެފައި ވަނީ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ޖޫނިއާ ސެމީއާ ހަމައަށް ދިޔަ ފުރަތަމަ ދިވެހި ސާފަރަށެވެ. މީގެ ކުރިން ރާއްޖޭގެ ސާފަރުން ކުއާޓާ ފައިނަލާ ހަމައަށްވެސް ގޮސްފައިނުވާ އިރު، މިފަހަރު ރާއްޖޭގެ ތިން ސާފަރުން ވަނީ މިއަދު އޮތް ކުއާޓާ ހީޓްތަކުގައި ވާދަކޮށްފައެވެ.
އެންމެ ފުރަތަމަ ހީޓް ދޭއްގައި ކަޔާން ޒަކީ ވާދަކޮށް، އޭނާ ހީޓްގެ ދެވަނަ ހޯދިއެވެ. އެއީ 9.64 ގެ ރަނގަޅު ސްކޯއަކާއެކުގައެވެ. ފިލިޕީންސްގެ ޓްރޯއީ އެސްޕެޖޮން އެ ހީޓްގެ އެއްްވަނަ ހޯދައި ސެމީއަށް ދިޔަ އިރު، އޭނާގެ ސްކޯއަކީ 11.10 އެކެވެ. ހީޓްގެ ތިންވަނައަށް ގޮސް ކެޓީ ކަނަޕަތީ ޖޭއެވެ.
ހީޓް ތިނެއްގައި ރާއްޖޭގެ ޖޫނިއާ ކެޕްޓަން ސައްޔިދު ސަލާހުއްދީން ވާދަކޮށް، އޭނާ ނިންމާލީ ހީޓްގެ ތިންވަނައިގައެވެ. އެއީ 7.90 ގެ ސްކޯއަކާ އެކުގައެވެ. އިންޑިއާގެ ކިޝޯރް ކުމާރު، 11.50 ގެ ސްކޯއަކާއެކު ހީޓްގެ އެއްވަނަ ހޯދި އިރު، ދެވަނަ ހޯދީ ޓައިވާންގެ ޖޯންޖޯން ޗަންއެވެ. އެއީ 8.76 ގެ ސްކޯއަކުންނެވެ.
ހީޓް ހަތަރެއްގައި ރާއްޖޭގެ ކަޔާން އަރީފް ވާދަކޮށް، އޭނާ ނިންމާލީވެސް ތިންވަނައިގައެވެ. އެއީ 9.17 ގެ ސްކޯއަކާއެކުގައެވެ. އެ ހީޓްގެ އެއްވަނަ ހޯދައި ސެމީއަށް ދިޔައީ ޖަޕާނުގެ ޓާރޯ ޓަކާއީއެވެ. ދެވަނަ ހޯދީ ކޮރެއާގެ ސެއޮޔުން ޖުންއެވެ. އޭނާގެ ސްކޯއަކީ 9.83 އެކެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް