މިހާރު ބެލްޖިއަމްގައި ހުރި ކޯޗު، ޑޮމެނިކޯ ޓެޑެސްކޯ ކޯޗަކަށް ހުއްޓައި ދެން ގައުމީ ޓީމަށް ނުކުޅޭނެ ކަމަށް ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ތީބޯ ކޯޓުއާ ބުނެފިއެވެ.
ކޯޓުއާ މިދިޔަ ސީޒަނުގެ ބޮޑުބައެއް އަނިޔާގައި ހޭދަކުރި ނަމަވެސް، އޭނާ ވަނީ ޔޫރޯ 2024 އަށް ފިޓްވެފައެވެ. ކޯޓުއާ ވަނީ ޔޫރޯ ކުރިން ރެއާލްއާ އެކު ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައިވެސް ކުޅެފައެވެ. އެހެން ނަމަވެސް ޓެޑެސްކޯ، ޔޫރޯ ސްކޮޑު އިއުލާނުކުރި އިރު ކޯޓުއާގެ ނަން ހިމަނާފައެއް ނުވެއެވެ. އޭނާ ޔޫރޯގައި ބޭނުންކުރި ކީޕަރަކީ އަލް-ގަދްސިއާއަށް ކުޅެމުންދާ ކޮއެން ކަސްޓީލްސްއެވެ. އޭނާ ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗާއި ގަދަ 16 ގެ މެޗުގައިވެސް ބެލްޖިއަމްގެ ގޯލު ބަލަހައްޓައިފައެވެ.
އުމުރުން 32 އަހަރުގެ ކޯޓުއާ ގައުމީ ޓީމަށް 102 މެޗު ކުޅެދީފައިވާ އިރު، މިހާރު ބެލްޖިއަމްގައި ހުރި ކޯޗު ޓެޑެސްކޯއާ އޭނާއާ ދެމެދު މާކުރިންވެސް މައްސަލަ ޖެހިފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރު ޖޫން މަހު ތެރޭގައި ބެލްޖިއަމުން ކުޅެން ތައްޔާރުވި ޔޫރޯ ކޮލިފިކޭޝަން މެޗެއްގެ ކުރިން ކޯޓުއާ ވަނީ ޓީމު ދޫކޮށް ގޮސްފައެވެ.
ގައުމީ ޓީމާ ގުޅޭ ގޮތުން ކޯޓުއާ ބުނީ ކޯޗާ ދޭތެރޭ ޖެހުނު މައްސަލައިގެ އިތުރުން އޭގެފަހުން ކަންތައް ވެގެން ގޮސްފައިވާ ގޮތަށް ބަލާފައި މިހާރު ހުރި ކޯޗު ހުއްޓައި ގައުމީ ޓީމަށް އެނބުރި ނުދާން ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކުގެ ތެރޭގައި އޭނާ ޒިންމާވާން ޖެހޭ ބައެއް ކަންކަން ހުރި ނަމަވެސް، މިހާރު ހުރި ކޯޗަށް ކޯޓުއާއާ ދޭތެރޭ އިތުބާރު ނެތް ކަމަށް ފެންނަ ކަމަށްވެސް އޭނާ ބުންޏެވެ.
ކޯޓުއާ އިތުރަށް ބުނީ ނިންމުން ނިންމީ ބެލްޖިއަމް އެފްއޭގެ ރުހުމާވެސް އެކުގައި ކަމަށާއި ބައެއް ސަޕޯޓަރުންނަށް ލިބިދާނެ މާޔޫސް ކަމަށް މައާފަށް އެދޭ ކަމަށެވެ.
ބެލްޖިއަމް
ބެލްޖިއަމް
ބެލްޖިއަމް
ބެލްޖިއަމް