(16 އޯގަސްޓުގެ އަދަދާ ގުޅޭ)
ކޮންމެއަކަސް ވިދިގެންއައި ދުވަހުގެ ހެނދުނު عــلــــــى كــــــرّم اللّــــه وجـهــــه ނަބަވީ ދަރުބާރަށް ބޭނުންފުޅުވެގެން އެކަމުގެ ފަތްތޫރަ ނުކުމެއްޖެއެވެ. عــلــــــى كــــــرّم اللّــــه وجـهــــه ހާޒިރުވެވަޑައިގެންނެވިއިރު ހުންނެވި ހަނގުރާމަޔަށް ޢުޒުރުވެރިވެވަޑައިގަންނަވާފަދަ ހާލުކޮޅެއްގައެވެ. އެކަލޭގެފާނުގެ ދެލޯފުޅަށް ވަރަށްބޮޑަށް ލޮލުރޯގާގެ އާލާސްކަންފުޅު ޖެހިފައިވާތީއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެމާތް ސާހިބާގެ ދަވަފޮދު عــلــــــى ގެފާނުގެ ލޯފުޅުގައި ތުރުކޮށްދެއްވައި ދުޢާފުޅު ކުރެއްވިއެވެ. عــلــــــى رضـــــى اللّــــه عــنـــــه ގެ ދެލޯފުޅުގައިހުރި އާލާސްކަންފުޅު ވަގުތުން ފަސޭހަފުޅުވެއްޖެއެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، عــلــــــى كــــــرّم اللّــــه وجـهــــه އަށް ދުވަހުގެ ދިދަ ދެއްވިއެވެ. އެއަށްފަހު عــلــــــى ގެފާނަށް އިރްޝާދު ދެއްވައި ޙަދީސުކުރެއްވިއެވެ. "މަޑުމައިތިރިކަމާއެކު އެބައިމީހުންގެ ގާތަށްވަޑައިގެން މާތް اللّــــه އަށްޓަކައި އެބައިމީހުން އަދާކުރާންޖެހޭ ވާޖިބުގެ މަތީން ހަނދާންކޮށްދެއްވާށެވެ. ކަލޭގެފާނުގެ ދަޢުވަތުގެ ސަބަބުން އެންމެ މީހަކަށް ތެދުމަގު ފެނުމަކީވެސް ކަލޭގެފާނަށް ރަތްކުލައިގެ ޖަމަލުތަކެއް ލިބިވަޑައިގެންނެވުމަށްވުރެ މާބޮޑު ހެޔޮކަމެކެވެ."
ރަޙްމަތުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އިންސާނިއްޔަތަށްހުރި ކުލުނުގެ ބޮޑުކަން ހިތްޕުޅަށް ގެންނަވާށެވެ. ޤަމޫޞު ފަތަޙަނުކުރެވި ދިގުލައިފައިވާތާ ވިހިދުވަސް ވަނީ ފާއިތުވެފައެވެ. އިސްލާމީ ލަޝްކަރަށް ވަނީ ކޮންމެވެސްވަރަކަށް ލޮޑުކަންވެސް ލިބިފައެވެ. ޖާނީ ގެއްލުންތަކެއްވެސްވެފައެވެ. އެކަމަކު އިސްލާމީ ލަޝްކަރުގެ ޤާއިދު ދުވަހުގެ ކޮމާންޑަރަށް އެންގެވީ ދޭތިން އެކައްޗަށް ހިއްޕަވައި ކިއްލާ ފަތަޙަކުރައްވާކަށެއް ނޫނެވެ. ހަނދާންކޮށްދެއްވީ އިސްލާމީ ދަޢުވަތުގެ އަހަންމިއްޔަތެވެ. އިސްލާމްދީނުގެ އަސްލު މަޤްޞަދަކީ މާތް اللّــــه ގެ ޚަލްޤުތަކުންނަށް ތެދުމަގު ދެއްކެވުމެވެ. ސަލާމަތާއި ފަލާޙުގެ ރަސްމަގަށް އިންސާނިއްޔަތު ނެރެދެއްވުމެވެ. عــلــــــى ގެފާނު ނުކުމެވަޑައިގެންނެވިއިރު ޚައިބަރުގެ ލަޝްކަރު ހަނގުރާމަޔަށް ނުކުންނަނީއެވެ.
مـــــرحب ހަނގުރާމަޔަށް ނުކުތީ ދަގަނޑުދަހަނާ އަޅައިގެންނެވެ. ދަގަނޑުގެ ދެފަށް ތާކިހަލެއް (މިޣުފަރެއް) ބޮލުގައި އަޅައިގެންނެވެ. عــلاّمــــة شبــلـــى نـعـمــانــــى އާއި عــلاّمــــة سيّــد سـليمـان نـــدوى ލިޔުއްވާގޮތުގައި مـــــرحب ގެ ބޮލުގައިއޮތީ ރީނދޫކުލައިގެ ޔަމަނީ މިޣުފަރެކެވެ. އޭގެމަތީގައި ހިލައިގެ ޚޫދެކެވެ. އިހުގައި ޚުދު ހަދަނީ ވައް ހިލައިގެ އެތެރެ ކޮނެގެންނެވެ. އުނަގަނޑުގައި ކަނޑި އެލުވައިލައިގެން އަތުން ލޮންސި ހިފައިގެންނެވެ. ހިތްވަރުގެ ޅެންތައް ކިޔަމުންނެވެ. އޭނާގެ ކޮއްކޮ حـــارث އޭރުވަނީ ޤަތުލުވެފައެވެ. އެހެންވެ ބަދަލުހިފުމުގެ ޖޯޝުގައި ހޭކުޑައިވެފައި ހުރެއެވެ. އޭނާ ކިޔަމުންއައީ ހިތްވަރުގެ ޅެމުގައި ވެއެވެ.
"ޚައިބަރު ދަންނާނެ ފަދައިން މަށަކީ مـــــرحب އެވެ. ހިތްވަރުގަދަ ތަޖުރިބާކާރަކީމެވެ. އަހަރެން މިއައީ ވަރުގަދަޔަކަށް ހަތިޔާރު އަޅައިގެންނެވެ."
عــلــــــى كــــــرّم اللّــــه وجـهــــه އެކަލޭގެއަށް ޖަވާބުދެއްވައި ވިދާޅުވި ޅެންބައިތުގައިވެއެވެ.
"އަހަންނަކީ އަހަރެންގެ މަންމަ ސާބިތުވެއޮވެ ތަކުރާރުކޮށް ޙަމަލަދޭ ސިންގާއެއްގެ (حــيــدر) ނަމުން ނަންދީފައިވާ މީހާއެވެ. އަހަރެން އެހައިވެސް ގަދަފަދައެވެ. ބިރުވެރިއެވެ. ހައިބަވަންތަވެރިކަން ބޮޑެވެ."
مـــــرحب ނުކުތީ ވަރަށް ބޮޑާކަމާއި ކިބުރުވެރިކަމާ އެކުގައެވެ. عــلــــــى ގެފާނު އޭނާއާ ޙަމަލާ ދެއްވައި ދެފަރާތުންވެސް ހަނގުރާމައިގެ ވަރަށްގިނަ އުކުޅުތައް ދެއްކެވިއެވެ. عــلــــــى ގެފާނު އެކަލޭގެ ބޮލުގައި ޛުލްފިޤާރުން ޖެއްސެވި އެތިފަހަރަކުން އޭނާގެ ޚޫދާއި ދެފަށް މިޣުފަރު ކައްޕަވައިލެއްވިއެވެ. ކަނޑިކޮޅު މަޑުވެލީ އެކަލޭގެ ދަތްތަކާ ހަމަޔަށް ފަޅުއްވައިލެއްވުމަށްފަހުގައެވެ. عــلاّمــــة شبــلـــى މަޢާލިމުއްތަންޒީލަށް ޙަވާލާދެއްވައި ލިޔުއްވާ ގޮތުގައި مـــــرحب ޛުލްފިޤާރުގެ އެތިފަހަރު އައްޑަނައިގައިވެސް ޖެއްސިއެވެ. عــلــــــى ގެފާނު ޖެއްސެވި އެތިފަހަރުގެ އަޑު ދެފަރާތުގެ ލަޝްކަރަށް ރީތިކޮށް އިވުނެވެ. مـــــرحب ޤަތުލުވުމުން ޔަހޫދީން އިސްލާމީ ލަޝްކަރަށް ޢާންމު ޙަމަލައެއް ދީފިއެވެ. ނަމަވެސް ޛުލްފިޤާރުން ބުރުއަޅުއްވައިލެއްވުމުން ޔަހޫދީންނަކަށް ހިފަހައްޓައެއް ނުލެވުނެވެ. إبــــن إسحـــاق އާއި مـــوســى بـــن عــقــبــة އާއި واقـــدى ލިޔުއްވާގޮތުގައި مـــــرحب ޤަތުލުކުރެއްވީ محـمّــد بـــن مـسلـمـة އެވެ. އެކަމަކު ޞަޙީޙު މުސްލިމުގައްޔާއި އަލްޙާކިމުގައިވާގޮތުން مـــــرحب ޤަތުލުކުރެއްވީ އަދި ޚައިބަރުގެ ފާޠިޙަކީ عــلــــــى كــــــرّم اللّــــه وجـهــــه އެވެ. عــلاّمــــة شبــلـــى نـعـمــانــــى އާއި عــلاّمــــة سيّــد سـليمـان نـــدوى ލިޔުއްވާގޮތުގައި އެންމެ ޞައްޙަކަންބޮޑު ރިވާޔަތަކީ މިއީއެވެ.
ކޮންމެއަކަސް އެކިއްލާ (الــقـمــوص) ފަތަޙަވީ ވިހި ދުވަހުންނެވެ. ޚައިބަރުގައި ހިނގި މަޢުރިކާތަކުގައި ޔަހޫދީންގެ ނުވަދިހަތިން މީހުން ޤަތުލުވިއެވެ. އޭގެތެރެއިން އެންމެ މަޝްހޫރު މީސްމީހުންނަކީ حـــارث އާއި مـــــرحب އާއި أُسـيـــر އާއި يــاســـــر އާއި عــامـــــــر އެވެ. ޞަޙާބީންގެ ތެރެއިންވެސް ފަނަރަ ބޭކަލުން ޝަހީދުވިއެވެ. إبـــن ســعـــد ވަނީ އެބޭކަލުންގެ ނަންފުޅުތައް ލިޔުއްވައިފައެވެ. ނަމަވެސް ބައެއް އެހެނިހެން ރިވާޔަތްތަކުގައި ޢަދަދާއި ނަންފުޅުތައް ތަފާތުވުމާއެކު އަޅުގަނޑު އެބައި ދޫކޮށްލީއެވެ. الــقـمــوص ފަތަޙަވުމުން ދެންހުރި ކިއްލާތަކުގެ މީހުން ޞުލްޙައިގެ ވާހަކަތައް ފަށައިފިއެވެ. އެއްބަސްވެވުނީ ޔަހޫދީން އަނބިދަރީންނާއެކު ޚައިބަރުން ފައިބައިގެންދާށެވެ. ބިމާއި މުދަލާއި ހަނގުރާމައިގެ ހަތިޔާރު އެބައިމީހުންނާއެކު ނުގެންދެވޭ ގޮތަށެވެ. އެއްވެސްމީހަކު އެއްވެސް މުދަލެއް ފޮރުވައިފިކަމުގައިވާނަމަ މުސްލިމުން އެމީހެއްގެ ސަލާމަތާމެދު ޒިންމާ ނުވާގޮތަށެވެ.
ޚައިބަރު ފަތަޙަވުމުން ޚައިބަރުގެ ބިންތަކަކީ އެޒަމާނުގެ އާދަކާދައިގެމަތީން އިސްލާމީ ދައުލަތުގެ މިލްކެކެވެ. އެބިންތައްވަނީ ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި މުޖާހިދުންގެ މެދުގައި ހަމަޔަށް ބައްސަވައިދެއްވައިފައެވެ. ނަމަވެސް ޔަހޫދީން އެދުމުން އެބައިމީހުންގެ ޙަވާލުގައި ބިންތައް ބެހެއްޓެވިއެވެ. އެބިންތަކުގައި ގޮވާންކޮށްގެން ލިބޭ ގޮވާމާއި މޭވާގެ ދެބައިކުޅައެއްބައި އިސްލާމީ ދައުލަތަށް ވަރުވާގެ ގޮތުގައި ދައްކާން ޖެހޭގޮތަށެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޚައިބަރު ފަތަޙަކުރެއްވުމަށްފަހު ޚައިބަރުގައި ދުވަސްކޮޅަކު މަޑުކުރެއްވިއެވެ. ޔަހޫދީންނަށް ފުރިހަމަޔަށް އަމާންކަން ދެއްވިއެވެ. އެތައް ރިޢާޔަތްތަކެއް ދެއްވައި ހެޔޮފުޅުކޮށް ކަންތައް ކުރެއްވިއެވެ. ނަމަވެސް ފެށުނީއްސުރެވެސް ޔަހޫދީންގެ ޢަމަލުތައް ހުރީ ބަޣާވަތްތެރި ގޮތުގައެވެ. ނުބައި ނުލަފާކޮށެވެ. މިގޮތުން އެންމެފުރަތަމަ ހިނގި އެންމެ ބޮޑުކަމަކީ ســــلام بــــن مشكـــم ގެ އަނބިކަނބުލޭގެ (مـــــرحب ގެ ފަހަރި) زيـنـب بـنت الحـــــارث/الحـــــرث ބަކަރިޔަކަށް ވިހަލައިފައި ފިހެގެން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ވެދުމަށް އެރުވުމެވެ. އަޅުގަނޑު ވަނީ އެވާހަކަ ތަފްސީލުކޮށް ލިޔެފައެވެ.
ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ދެވަނަކަމަކީ އިސްލާމީ ދައުލަތުގެ ޓެކްސް ކަލެކްޓަރ عــبــد اللّــــه بــــن رواحـــة رضـــــى اللّــــه عــنـــــه އަށް ރިޝްވަތުދޭން މަސައްކަތްކުރުމެވެ. އެވާހަކަވެސް މި ސިލްސިލާގައި އިސްވެ ހިނގާއްޖެއެވެ. ޞަޙާބީންގެ ދެބޭކަލުން ކަމުގައިވާ عـبــد اللّــــه بـــن سـهــيــل އާއި مُحـَــيّـصــه بـــن مسـعـــود އާ ދެބޭކަލުން (رضـــــى اللّــــه عــنـــــهــم) ތަދުމަޑު ހޫނު މޫސުމެއްގައި ޚައިބަރަށް ވަޑައިގެންނެވިއެވެ. ޔަހޫދީން ކެހިވެރިގޮތުގައި عــبــد اللّــــه ޝަހީދުކޮށްލައިފައި ފެންގަނޑަކަށް އެއްލައިލިއެވެ. مُحـَــيّـصــه رضـــــى اللّــــه عــنــــه މަދީނާއަށް ވަޑައިގެން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހުގައި އެވާހަކަ ދެންނެވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ސުވާލުކުރެއްވިއެވެ. "عــبــد اللّــــه ޤަތުލުކުރީ ޔަހޫދީން ކަމުގައި ކަލޭގެފާނު ހުވާކުރައްވައިފާނުތޯއެވެ؟" مُحـَــيّـصــه ޖަވާބުދެއްވިއެވެ. "ޔަހޫދީން ފަންސާސް މުސްލިމުން ޝަހީދުކޮށްފައިވެސް އެއީ ނުކުރާކަމެއްކަމަށް ހުވާކޮށްފާނެއެވެ." ކޮންމެއަކަސް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޔަހޫދީންނާމެދު ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި عـبــد اللّــــه بـــن سـهــيــل رضـــــى اللّــــه عــنــــه ގެ ވާރިސުންނަށް ބައިތުލްމާލުން މަރުގެދިޔަ ދެއްވިއެވެ.
أميـــرالمـؤمـنــيـن عــمـــــر بـــن الخـطّــاب رضـــــى اللّــــه عــنـــــه ގެ ޚިލާފަތުގެ ދުވަސްވަރު عـبــد اللّــــه بـــن عــمــــــر رضـــــى اللّــــه عــنـــــه ޚައިބަރުގެ ގެއެއްގައި އަވަހާރަފުޅުލައްޕަވައިފައި އޮންނަވަނިކޮށް ޔަހޫދީންވަނީ އެކަލޭގެފާނު އަވަހާރަފުޅަށް އޮންނެވި ތަނުން ނަގައިގަނެ ތިރިޔަށް ވައްޓައިލައިފައެވެ. އެކަމުގެ ސަބަބުން އެކަލޭގެފާނުގެ އަތްޕުޅާއި ފައިންޕުޅުވަނީ ބިނދިފައެވެ. ޚައިބަރު ފަތަޙަކުރެއްވީއްސުރެވެސް ޔަހޫދީން ގެންދިޔައީ ހުއްޓުމެއްނެތި މިބާވަތުގެ ފާސިދު ކަންތައް ކުރަމުންނެވެ. عــمــــــر رضـــــى اللّــــه عــنـــــه ވަނީ ޔަހޫދީންގެ ނުހޮރުއްޕާނާހުރެ މަޖްބޫރުވެވަޑައިގެން ޔަހޫދީން ޚައިބަރުން ބޭރުކުރައްވައި ޝާމުކަރަޔަށް ފޮނުއްވައިލައްވައިފައެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޚައިބަރުގައި ހުންނެވިއިރުވަނީ ޔަހޫދީންގެ ދަރަޖަމަތިވެރި އަމީރާއެއްކަމުގައިވާ السّـــيّـدة صفـــيّـــة بـنت حُــيــيّ بــــن أخطب އަށް أمّ المـــؤمــنــيـــن ގެ ޝަރަފު ދެއްވައިފައެވެ. އެކަމަނާގެ ބައްޕާފުޅަކީ نـضـيــــر ވަންހައިގެ ރައީސް حُــيَـيُّ بــن أخطب އެވެ. މަންމައަކީ قـــــريـظــة ވަންހައިގެ ރައީސް سمــــوئـيــــل ގެ ދަރިކަނބަލުން ضـــــرّة ނުވަތަ بـــــرّة އެވެ. އެކަމަނާ ކުރީން އިންނެވީ ޚައިބަރުގެ ރައީސުންކުރެ كـنـــانـــة بـــن أبـــى الحـقـيـق ގެ އަނބިކަނބަލަކަށެވެ. ޚައިބަރު ހަނގުރާމައިގައި كـنـــانـــة ވަނީ ޤަތުލުކުރެވިފައެވެ. السّـــيّـدة صفـــيّـــة ހައްޔަރުކުރެވުނީ كـنـــانـــة ޤަތުލުކުރެވުމުންނެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން