ޖަޕާނުގައި 2026 ވަނަ އަހަރު އޮންނަ އޭޝިއަން ގޭމްސްގެ އަންހެން ސާފިން އިވެންޓުގެ އެއް ސްލޮޓްގެ އިތުރުން ފިރިހެން ސާފިން އިވެންޓްގެ ސްލޮޓެއްވެސް ރާއްޖެއަށް މިއަދު ކަށަވަރުވެއްޖެއެވެ.
ރާއްޖެއަށް އަންހެން ސާފިން އިވެންޓުގެ ސްލޮޓެއް ކަށަވަރުވީ، މިހާރު ކ. ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ އަންހެން އޯޕަން އިވެންޓުގައި އިއްޔެ ރާއްޖޭގެ ސާފަރު، މަރިޔަމް ރާހިލް ނަސީމް (އާޔާ) ހޯދި ނަތީޖާއިން، ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ރޭންކިން ރަނގަޅު ގައުމަކަށް ރާއްޖެ ވާނެކަމުގެ ޔަގީންކަން ލިބުމުންނެވެ.
މިއަދު ފިރިހެން ސްލޮޓް ޔަގީންވީވެސް، ފިރިހެން އޯޕަން އިވެންޓްގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ ހޫދު އަހުމަދު ވާދަކުރުމުގެ އިތުރުން ޖޫނިއާ ބައިން ރާއްޖޭގެ ތިން ސާފަރުން 18 އަހަރުން ދަށުގެ އިވެންޓްގެ ކުއާޓާ ފައިނަލަށް ދިޔުމުންނެވެ.
ރާއްޖޭގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީ އޭޝިއަން ގޭމްސްގެ ކޮލިފިކޭޝަން އެއް ބައެވެ. ޖުމުލަ 48 ސާފަރުން އޭޝިއަން ގޭމްސްއަށް ކޮލިފައިވާ އިރު، އެއީ އަންހެން 24 އަދި 24 ޖާގައެވެ. ކޮލިފިކޭޝަން އިވެންޓުތަކުގެ ގޮތުގައި އޭޝިއަން ސާފިން ފެޑަރޭޝަނުން ކަނޑައަޅާފައިވާ އިވެންޓުތަކަކީ މިއަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއި އަންނަ އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕެވެ. ޖުމުލަ 24 ސްލޮޓް 12 ގައުމަކަށް މިފަހަރުގެ އިވެންޓުން ލިބިގެންދާ އިރު، އެންމެ ގިނަވެގެންވެސް ގައުމަކަށް މިފަހަރުގެ އިވެންޓުން ހޯދޭނީ ދެ ސްލޮޓެވެ. އެއީ ފިރިހެން ސްލޮޓެއްގެ އިތުރުން އަންހެން ސްލޮޓެކެވެ.
މިފަހަރު އޭޝިއާގެ ފަސް ރީޖަންގެ ތެރެއިން އެންމެ ރޭންކިން ރަނގަޅު ފަސް ގައުމަކަށް، އަންހެން އަދި ފިރިހެން ބައިންވެސް ފަސް ސްލޮޓް ޔަގީންކުރަން ފުރުސަތު އޮތް އިރު، ދެން ދެ ޑިވިޝަނުންވެސް އިތުރު ފުރުސަތު ދޭނީ ރޭންކިންއަށް ބަލައި، އެ ފަސް ގައުމު ފިޔަވައި އިތުރު ހަތް ގައުމަކަށެވެ. އެވެސް އަންހެން އަދި ފިރިހެން ސްލޮޓެކެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް