ކ. ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފިރިހެން 18 އަހަރުން ދަށުގެ ޖޫނިއާ ބައިގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ކަޔާން އަރީފް (ކައިޕުޓީ) އާއި ކަޔާން ޒަކީ އަދި ޖޫނިއާ ކެޕްޓަން ސައްޔިދު ސަލާހުއްދީންވެސް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ފިރިހެން އޯޕަން ޑިވިޝަންގެ ހަތަރުވަނަ ބުރުގެ ހީޓްތަކަށްފަހު މިއަދު ދެން ކުރިއަށް ގެންދިޔައީ ފިރިހެން ޖޫނިއާ ބައިގެ ތިންވަނަ ބުރުގެ ހީޓްތަކެވެ. ޖޫނިއާ ފިރިހެން ފުރަތަމަ ހީޓްގައި ކައިޕުޓީއާއި ޓީމް ތުލުސްދޫގެ މުހައްމަދު އިނާން ވާދަކޮށްފައިވާ އިރު، ކަޔާން އެ ހީޓްގެ ދެވަނަ ހޯދައި، ކުއާޓާ ޔަގީންކުރިއެވެ. ކައިޕުޓީ ހީޓްގެ ދެވަނަ ހޯދީ 8.80 ގެ ސްކޯއަކުންނެވެ. އެ ހީޓްގެ އެއްވަނަ ހޯދީ ޖަޕާނުގެ ކައިސޭ އަޑާޗީއެވެ. ތިންވަނައިގައި ތައިލެންޑްގެ ޓިން ޖޯންސަން ނިންމާލި އިރު، އިނާން ކެޓީ ހަތަރު ވަނައަށް ދިޔުމުންނެވެ.

ހީޓް ތިނެއްގައި ރާއްޖޭގެ ޔާސިން އަހުމަދު ނާޝިދު ވާދަކުރި ނަމަވެސް، އެ ހީޓުން ޔާސިންއަށް ލިބުނީ ތިންވަނައެވެ. އެއީ ދެވަނައަށް ދިޔަ ޗައިނާގެ ޒީހާއޯ ޑޮންގާ ވަރަށް ގާތުންނެވެ. ޑޮންގަށް 8.67 ގެ ސްކޯއެއް ލިބުނު އިރު، ޔާސިންއަށް ލިބުނީ 8.43 ގެ ސްކޯއެކެވެ. އެ ހީޓްގެ އެއްވަނަ ހޯދީ ޓައިވާންގެ ޖޯންޖޯން ޗަންއެވެ.

ދެން ޖެހިގެން އައި ހީޓްގައި ރާއްޖޭގެ ކަޔާން ޒަކީ ވާދަކޮށް، ހީޓްގެ އެއްވަނައާއެކު ކުއާޓާއަށް ދިޔައެވެ. އޭނާ އެއްވަނަ ހޯދީ 8،97 ގެ ސްކޯއަކާއެކުގައެވެ. ދެވަނައިގައި އެ ހީޓުން ކުއާޓާއަށް ދިޔައީ ކޮރެއާގެ ސެޔުންޔުން ޖުންއެވެ. އެ ހީޓުން ކެޓީ ސިންގަޕޫރުގެ ޖޫލިއެން މާކާއި އިންޑިއާގެ ހަރީޝް ޕްރަކާޝެވެ.

ހީޓް ފަހެއްގައި ރާއްޖޭގެ ސައްޔިދުވެސް ތަފާތު ދެއްކިއެވެ. 8.27 ގެ ސްކޯއަކާއެކު އޭނާ ހީޓްގެ ދެވަނަ ހޯދި އިރު، އެއްވަނައިގައި އޭނާއާއެކު ކުއާޓާއަށް ދިޔައީ ސްރީ ލަންކާގެ ކަނަޕަތީ ޖޭއެވެ. އޭނާގެ ސްކޯއަކީ 9.50 އެކެވެ. އެ ހީޓުން ކެޓީ ޓައިވާންގެ ލިއު މިން-ޖޭންގް އަދި ތައިލެންޑްގެ ނަޓްރީ ޖާރިޔާވަޓަނަވިޖިތެވެ.