ކ. ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފިރިހެން އޯޕަން ބައިގެ ހަތަރު ވަނަ ބުރުގައި ވާދަކޮށް، ރާއްޖޭގެ ހޫދު އަހުމަދު ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ހޫދު ކުއާޓާއިން ޖާގަ ހޯދީ މިއަދު ކުރިއަށްދިޔަ ހަތަރުވަނަ ބުރުގެ ހީޓް ތިނެއްގައި ވާދަކޮށް، އެ ހީޓްގެ ދެވަނަ ހޯދައިގެންނެވެ. ހޫދު 8.40 ގެ ސްކޯއެއް ހޯދާފައިވާ އިރު، ހީޓްގެ އެއްވަނަ ހޯދި އިންޑޮނޭޝިއާގެ އައި މޭޑް ޕާޖާ އަރިޔާނާއަށް ވަނީ 11.84 ގެ ސްކޯއެއް ހޯދައިފައެވެ.
ހޫދަކީ މިފަހަރުގެ އިވެންޓުގެ ފިރިހެން އޯޕަން ބައިގެ ކުއާޓާއަށް ދަތުރުކުރި ރާއްޖޭގެ ހަމައެކަނި ސާފަރެވެ. ހަތަރުވަނަ ބުރުގައި ރާއްޖޭގެ އިތުރު ސާފަރުން ވާދަކުރި ނަމަވެސް ކުއާޓާއަށް ދެވޭ ގޮތެއް ނުވިއެވެ. ފުރަތަމަ ހީޓް ދޭއްގައި ރާއްޖޭގެ ކެޕްޓަން އަހުމަދު އާގިލް (އަންމަޑޭ) ވާދަކޮށް، އޭނާ ކެޓީ ހަނި ތަފާތަކުންނެވެ. އަންމަޑޭ 7.60 ގެ ސްކޯއަކާއެކު ތިންވަނަ އަށް ދިޔަ އިރު، އެ ހީޓްގެ ދެވަނަ ހޯދީ އިންޑޮނޭޝިއާގެ ހާރިޝް މުތޫއެވެ. އޭނާގެ ސްކޯއަކީ 7.87 އެކެވެ. އެއްވަނަ ހޯދި ފިލިޕީންސްގެ ރެމާ މަގަލޫނާގެ ސްކޯއަކީ 13.00 އެކެވެ.
ހޫދު ވާދަކުރި ހީޓްގައި ރާއްޖޭގެ، ޓީމް ތުލުސްދޫގެ އިސްމާއިލް ރަޝީދު (ސްމައިލީ) ވާދަކޮށް ނިންމާލަން ޖެހުނީ ހަތަރު ވަނައިގައެވެ. އޭނާގެ ސްކޯއަކީ 5.94 އެކެވެ.
ހަތަރުވަނަ ބުރުގެ އެންމެ ފަހު ހީޓްގައި ރާއްޖޭގެ އިސްމާއީލް މިގްލާލް (ކުޑަ އިއްސެ) ވާދަކުރިއެވެ. އެހެން ނަމަވެސް އޭނާއަށްވެސް ކުއާޓާއަށް ނުދެވުނެވެ. އެ ހީޓްގެ ފުލުގައި ކުޑަ އިއްސެ ނިންމާލީ 8.57 ގެ ސްކޯއަކުންނެވެ. ހީޓުން ކުއާޓާއަށް ދިޔައީ 12.16 ގެ ސްކޯއެއް ހެދި ފިލިޕީންސްގެ ނީލް ސަންޗޭޒާއި ދެވަނަ ހޯދި ޖަޕާނުގެ ޓަކީ ކަނަޒާވާއެވެ. އޭނާގެ ސްކޯއަކީ 10.76 އެކެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި މިވަގުތު ކުރިއަށްދަނީ އަންހެން ކުއާޓާ ފައިނަލްގެ ހީޓްތަކެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް