އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަހަރުގެ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު ބާއްވާނެއެވެ. އެދުވަހުގެ ވޯޓުން ކުރިހޯއްދަވާ ބޭފުޅަކު މަގާމުގެ ހުވާކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި އިންތިޚާބުގައި ބޮޑު ދެ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުންނާއި އެބޭފުޅުންގެ ރަނިންމޭޓުން މިހާރުވަނީ އެނގިފައެވެ. ބޮޑު ދެޕާޓީއަކީ ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީއެވެ. ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓަކީ ޑޮނަލްޑް ޓްރަމްޕެވެ. އޭނާއަކީ ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ރަނިންމޭޓަކީ ސެނެޓުގެ މެންބަރެއް ކަމަށްވާ ޖޭޑީ ވޭންސެވެ. ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓަކީ ކަމަލާ ހެރިސްއެވެ. އެއީ މިހާރުގެ ނާއިބުރައީސެވެ. އެކަމަނާގެ ރަނިންމޭޓަކީ މިނިސޯޓާ ސްޓޭޓްގެ ގަވަރުނަރު ޓިމް ވޯލްޒެވެ. މިފަހަރުގެ އިންތިޚާބަކީ އެމެރިކާގެ ފަސްދޮޅަސްވަނަ ރިޔާސީ އިންތިޚާބެވެ. އެމެރިކާގައި ރިޔާސީ އިންތިޚާބު ބާއްވަނީ ކޮންމެ ހަތަރު އަހަރަކުން އެއްއަހަރުއެވެ.
ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ކަމަލާ ހެރިސްއަށް ލިބިވަޑައިގަތީ މިހާރު ރައީސްކަމުގައި ހުންނެވި ޖޯ ބައިޑެން ދެވަނަ ދައުރަކަށް ވާދަނުކުރައްވަން ނިންމަވައި ރޭހުން އަމިއްލަފުޅަށް ވަކިވެވަޑައިގަތުމުންނެވެ. އޭނާ ރޭހުން ވަކިވެވަޑައިގަތީ ސިއްހަތު ތަންނުދޭތީއެވެ. ކޮންމެއަކަސް އެމެރިކާގެ ރައީސްކަމަށް ހޮވޭނީ މި ދެބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއްބޭފުޅެކެވެ. ޚިޔާލު އެއްކުރުންތަކުން ފެންނަގޮތުގައި މިވަގުތު މަގްބޫލުކަމުގެ ގޮތުން ކުރީގައި އުޅުއްވަނީ ހެރިސްއެވެ. ގިނަބަޔަކު ބުނަނީ ޓްރަމްޕުގެ މައްޗަށް ހެރިސް ކުރިހޯއްދަވާނެ ކަމުގައެވެ. އެކަން އެހެންވެއްޖެނަމަ އައު ރިކޯޑުތަކެއް ގާއިމްވެގެންދާނެއެވެ. އެކަން އެހެންނުވިޔަސް ރިކޯޑުތަކެއް ގާއިމްވާނެއެވެ. އެހެންވީމާ މިފަހަރުގެ އިންތިޚާބަކީ ފަހަކަށްއައިސް ބޭއްވިފައިވާ އިންތިޚާބުތަކަށްވުރެ ހުރިހާ ގޮތަކުންވެސް ފޯރިގަދަ ތާރީޚީ އިންތިޚާބަކަށްވާނެއެވެ. މި އިންތިޚާބު ތާރީޚީ އިންތިޚާބަކަށްވާ ސަބަބުތަކުގެ މައްޗަށް ބަލައިލަމާބަހީއެވެ.
އެންމެ ގިނަ އައު ރިކޯޑުތައް ގާއިމުވާނީ އުމުރުން 59 އަހަރުވީ ކަމަލާ ހެރިސް މި އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމައެވެ. އޭރުން އެކަމަނާ ހިމެނިގެންދާނީ އެމެރިކާގެ ތާރީޚުގައިވެސް އެންމެ ފުރަތަމަ އަންހެން ރައީސްކަމުގައެވެ. މީގެކުރިން އަންހެން ބޭފުޅަކަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެެއްވިފައެއް ނުވެއެވެ. ބޮޑު ދެޕާޓީންކުރެ ޕާޓީއެއްގެ ރިޔާސީ ޓިކެޓް މީގެކުރިން އަންހެން ބޭފުޅަކަށް ލިބިފައިވަނީވެސް އެންމެ ފަހަރަކުއެވެ. ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓްގައި 2016 ވަނަ އަހަރުގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަމްޕާ ވާދަކުރައްވައި ކުޑަ ތަފާތަކުން ހިލަރީ ކްލިންޓަނަށް ވަނީ ނާކާމިޔާބުވެފައެވެ. ޓްރަމްޕަަށް އެފަހަރު ރިޔާސަތު ހޯއްދެވުނީ އަންހެން ބޭފުޅަކާ ވާދަކުރައްވައިގެންނެވެ. މިފަހަރުގެ އިންތިޚާބުން ކުރިހޯދިއްޖެނަމަ އެކަންވެސް އަންހެން ބޭފުޅަކާ ވާދަކުރައްވައިގެންނެވެ. އެކަންވެސް އައު ރިކޯޑުތަކުގެ ތެރޭގައި ހިމެނިގެންދާނެއެވެ.
ކަމަލާ ހެރިސްއަކީ އެމެރިކާގެ ތާރީޚުގައިވެސް ކަޅު ނަސްލުގެ ފުރަތަމަ ނާއިބުރައީސެވެ. މިފަހަރުގެ އިންތިޚާބުން ކުރި ހޯދިއްޖެނަމަ އެކަމަނާ ވާނީ އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ އަންހެން ރައީސް ކަމުގައެވެ. ކަޅު ނަސްލުގެ ދެވަނަ ރައީސް ކަމުގައެވެ. ކަޅު ނަސްލުގެ ފުރަތަމަ ރައީސަކީ 2009 ވަނަ އަހަރު ރައީސްކަމަށް އިންތިޚާބު ކުރެވުނު ބަރަކް އޮބާމާއެވެ. ކަމަލާ ހެރިސްގެ މަންމައަކީ އިންޑިޔާގެ ބޭފުޅެކެވެ. އިންޑިޔާގެ ޓެމިލްނާޑޫ ސްޓޭޓްގެ ތަމަޅައެކެވެ. ތަމަޅައިންނަކީ އޭޝިއާގެ ނަސްލެކެވެ. ބައެކެވެ. އެހެންވީމާ ކަމަލާ ހެރިސް ވާނީ އޭޝިއާ ނަސްލަކަށް ނިސްބަތްވާ އެމެރިކާގެ ފުރަތަމަ ރައީސްކަމުގައެވެ. މިއީ އެމެރިކާގައި ދިރިއުޅޭ އޭޝިއާގެ ދަރިކޮޅުތަކުގެ މީހުންނަށް ނުހަނު ބޮޑު ފަޚުރަކާއި ޝަރަފަކަށްވާނެއެވެ. މުޅި އޭޝިއާއަށް މިކަމުން ލިބޭ ޝަރަފަކަށްވުރެ ޚާއްސަގޮތެެއްގައި އިންޑިޔާއަށް ލިބޭ ފަޚުރު ބޮޑުވާނެއެވެ. އޭގެ ސިއްރަކީ ކަމަލާ ހެރިސްގެ މަންމަޔަކީ އިންޑިޔާގެ ތަމަޅައަކަށްވުމެވެ.
ކަމަލާ ހެރިސްއަށް މި އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ އެކަމަނާ ވެގެންދާނީ އެމެރިކާގެ ހުޅަނގުބިތުގެ ތޭރަ ސްޓޭޓްގެ ތެރެއިން ސްޓޭޓަކަށް ނިސްބަތްވާ ފުރަތަމަ ޑިމޮކްރަޓިކް ރައީސް ކަމުގައެވެ. ހުޅަނގުގެ ސްޓޭޓްތަކުގެ ތެރޭގައި ކެލިފޯނިޔާއާއި އެލަސްކާޔާއި ހަވާއީ ހިމެނެއެވެ. ކަމަލާ ހެރިސް ނިސްބަތްވަނީ މީގެތެރެއިން ކެލިފޯނިއާއަށެވެ. އެއީ އެމެރިކާގެ އެންމެ ބައިބޯ ސްޓޭޓްވެސްމެއެވެ. އެންމެ މުއްސަނދި ސްޓޭޓްވެސްމެއެވެ. އެމެރިކާގެ ނާއިބުރައީސަކަށް އިންތިޚާބުވުމުގެ ކުރިން ކަމަލާ ހެރިސްއަކީ އެމެރިކާގެ ސެނެޓުގައި ކެލިފޯނިޔާ ތަމްސީލު ކުރެެއްވި ދެ މެންބަރުންގެ ތެރެެއިން އެއް މެންބަރެވެ. މީގެކުރިން ރައީސްކަން ކުރެެއްވި ޑިމޮކްރަޓިކް ޕާޓީގެ ބޭފުޅުން ނިސްބަތްވަނީ މުޅިންވެސް އިރުމައްޗާއި ދެކުނުގެ ސްޓޭޓްތަކަށެވެ. މަތީގައި ބަޔާންކުރެވުނީ ހައްތާވެސް ކަމަލާ ހެރިސްގެ އިންތިޒާރުގައި ހުރި ރިކޯޑުތަކުގެ ވާހަކައެވެ. މިފަހަރުގެ އިންތިޚާބުން އުމުރުން 78 އަހަރުވީ ޑޮނަލްޑް ޓްރަމްޕަށް ކުރިހޯދިއްޖެނަމަ އޭނާއަށްވެސް ރިކޯޑުތަކެއް އެބަހުއްޓެވެ.
މި އިންތިޚާބުން ޓްރަމްޕަށް ކުރިލިބިއްޖެނަމަ އޭނާ ވާނީ ރައީސްކަމުގެ އެއްދައުރަށްފަހު މެދުކެނޑިފައި އަލުން ރައީސްކަމަށް ހޮވޭ ދެވަނަ މީހާއަށެވެ. އެމެރިކާގެ ފަހުގެ ތާރީޚުގައި މެދުކެނޑުމަކަށްފަހު ރިޔާސަތުގެ ދެވަނަ ދައުރެއް ކާމިޔާބުކުރާ ފުރަތަމަ މީހާއަށެވެ. މި ރިކޯޑު މިހާރު އޮތީ ގްރޯވަރ ކްލީވްލެންޑަށެވެ. އޭނާ އެންމެ ފުރަތަމަ ރައީސްކަން ކުރެެއްވީ 1885 ވަނަ އަހަރުން 1889 ވަނަ އަހަރަށެވެ. އެއީ ފުރަތަމަ ދައުރެވެ. އެއަށްފަހު ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު އޭނާ ދެވަނަ ދައުރަކަށް އިންތިޚާބުވެގެން ވެރިކަން ކުރެެއްވީ 1893 ވަނަ އަހަރުން ފެށިގެން 1897 ވަނަ އަހަރަށެވެ. ޓްރަމްޕު ވަނީ 2017 ވަނަ އަހަރުން 2021 ވަނަ އަހަރަށް ވެރިކަން ކުރައްވައިފައެވެ. އޭނާއަކީ އެމެރިކާގެ 45 ވަނަ ރައީސެވެ. މިފަހަރުގެ އިންތިޚާބުން ކުރިލިބިއްޖެނަމަ އެމެރިކާގެ 47 ވަނަ ރައީސްކަމުގައިވެސް ޓްރަމްޕް ވާނެއެވެ. މެދުކެނޑުމަކަށްފަހު އެމީހަކަށް ރިޔާސަތު އަލުން ލިބުމަކީ އެމެރިކާގައި ވަރަށް ނާދިރުކަމެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ