ކ. ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފިރިހެން އޯޕަން ބައިގެ ހަތަރު ވަނަ ބުރަށް ރާއްޖޭގެ ގައުމީ އޭ ޓީމުގެ ކެޕްޓަން އަހުމަދު އާގިލް (އަންމަޑޭ) އާއި ހޫދު އަހުމަދު، އިސްމާއީލް މިގްލާލް އަދި ޓީމް ތުލުސްދޫގެ އިސްމާއީލް ރަޝީދު (ސްމައިލީ) ދަތުރު ކޮށްފިއެވެ.

ރާއްޖޭގެ ހަތަރު ސާފަރުން ހަތަރުވަނަ ބުރަށް ގޮސްފައި ވަނީ މިއަދު ކުރިއަށްދިޔަ ތިންވަނަ ބުރުގެ ހީޓްތަކުންނެވެ. ރެޕޯ ހީޓް ކާމިޔާބުކޮށް ތިންވަނަ ބުރަށް ދިޔަ އަންމަޑޭ މިއަދު ތިންވަނަ ބުރުގެ ހީޓް ތިނެއްގައި ވާދަކޮށް އެ ހީޓްގެ ދެވަނަ ހޯދިއެވެ. އެއީ 11.50 ގެ ސްކޯއަކާއެކުގައެވެ. އެ ހީޓްގެ އެއްވަނަ ހޯދީ ފިލިޕީންސްގެ ޖޯން މާކް ޓޮކޮންގެވެ. އޭނާގެ ސްކޯއަކީ 18.34 އެކެވެ. އެ ހީޓްގައި ދެން ވާދަކުރި ލަންކާގެ ކަވިންދޫ ތަރަކައާއި ޗައިނާގެ ޒެޔުއާން ޒޭންގަށް ހަތަރު ވަނަ ބުރަކަށް ނުދެވުނެވެ.

ސްމައިލީ ވަނީ ތިންވަނަ ބުރުގެ ހީޓް ތިނެއްގެ ދެވަނަ ހޯދައިފައެވެ. އެއީ 8.07 ގެ ސްކޯއަކުންނެވެ. އެ ހީޓްގެ އެއްވަނަ ހޯދީ ތައިލެންޑްގެ ނައްތަކްރޮން ސާއޭ-އީއޭވްއެވެ. އޭނާގެ ސްކޯއަކީ 10.87 އެކެވެ. ދެން އެ ހީޓްގައި ވާދަކުރި ބަންގްލަދޭޝްގެ މުހައްމަދު މައްނާނާއި ތައިލެންޑްގެ ޓިން ޖޯންސަން ވަނީ ކަޓައިފައެވެ.

ހޫދު އަނެއް ބުރަށް ދިޔައީ ހީޓް 10 ކާމިޔާބު ކޮށްގެންނެވެ. އެ ހީޓްގެ އެއްވަނަ ހޫދު ހޯދީ 13.16 ގެ ސްކޯއަކާ އެކުގައެވެ. އެ ހީޓްގެ ދެވަނައިގައި އަނެއް ބުރަށް ދިޔަ މެލޭޝިއާގެ މުހައްމަދު އާފިގު ހައިކަލް އަޒީޒީގެ ސްކޯއަކީ 10.17 އެކެވެ. ދެން އެހީޓްގައި ވާދަކުރި ތައިލެންޑްގެ ނަޓްރީ ޖަރިޔަވަންޓާނާވިޖިތާއި އިރާނުގެ ޝޯން އަރްޖާން ބަހްރޮލޮލޫމީ ވަނީ ކަޓައިފައެވެ.

ކުޑަ އިއްސެ ވެސް ހީޓްގެ އެއްވަނަ ހޯދިއެވެ. ހީޓް 11 ގައި ވާދަކޮށް، އޭނާ އެއްވަނަ ހޯދީ 9.17 ގެ ސްކޯއަކުންނެވެ. އެ ހީޓުން ދެން އަނެއް ބުރަށް ދިޔައީ އިންޑިއާގެ އަޖީޝް އަލީއެވެ. ދެން އެހީޓުގައި ވާދަކުރި ލަންކާގެ ލެސީތާ ޕްރަބަތާއި އަފްގާނިސްތާނުގެ އަފްރީޑުމް އަމޫ ވަނީ ކަޓައިފައެވެ.

ރާއްޖޭގެ އަހުމަދު ހިޝާމް ޝަހީމް ތިންވަނަ ބުރުގެ ހީޓް ފަހެއްގައި ވާދަކުރި ނަމަވެސް، އޭނާއަށް ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ. އެއީ ހީޓުން ހަތަރުވަނަ ލިބުމުންނެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފިރިހެން އޯޕަން ބައިގެ ހަތަރުވަނަ ބުރުގެ ހީޓްތައް މާދަމާ ކުރިއަށްދާނެއެވެ.