ރާއްޖޭގައި ދިމާވާ ކާރިސާތަކަށް ސްޓެލްކޯއިން ތައްޔާރުވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ (އެންޑީއެމްއޭ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ހަފްލާއެއްގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އެންޑީއެމްއޭގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަންއެވެ.
އެ ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ، ސްޓެކޯއަކީ އަބަދުވެސް ގައުމީ ކާރިސާތަކުގައި އެންޑީއެމްއޭ އާއި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރާ ބައެއް ކަމަށެވެ.
"އެހެންނަމަވެސް އެފަދަ ކާރިސާތަކެއްގައި އަމަލުކުރާނެ ގޮތެއް މިހާތަނަށް އެސްޓެބްލިޝްވެފައި ކުންފުނީގައި ނެތް. ގައުމީ ކާރިސާތަކުގައި އަމަލު ކުރާނެ ގޮތްތަކެއް ކަނޑައެޅިފައެއް ނެތް. އެހެންނަމަވެސް އަޅުގަނޑުމެންގެ [ސްޓެލްކޯގެ] ތެރޭގައި އެބަހުރި އަޅުގަނޑުމެންގެ ތެރޭގައި ހިނގާ ކަންތައްތަކުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފައި. ގައުމީ ފެންވަރެއްގައި ގުޅިގެން މިފަދަ މަސައްކަތެއް ކުރުން މުހިއްމުކަން. އަޅުގަނޑުމެންނަށް [ސްޓެލްކޯއަށް] ފެންނާތީ ސްޓެލްކޯ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ އެކު ވެވުނު މަޝްވަރާތަކުގެ މަތިން މިއަދު މި ފަހުމުނާމާގައި މި ސޮއިކުރީ،" ފަހުމީ ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ މަސައްކަތްތައް ހިންގުމަށް މިހާރު ރާވާފައިވާ ނިޒާމުތަކުގައި ހުރި ނިޒާމީ މައްސަލަ ދެނެގަތުމާއި ސްޓެލްކޯގެ ކްރައިސިސް މެނޭޖްމަންޓްގެ އޮނިގަނޑުތައް ދިރާސާކުރުން ހިމެނެއެވެ. އެގޮތުން ތަޖުރިބާކާރުންގެ އެހީތެރިކަމާ އެކު ކުންފުނީގެ ކްރައިސިސް މެނޭޖްމަންޓާއި ކުއްލި ހާލަތު އިޖާބައިގެ ގާބިލްކަމުގެ އޮނިގަނޑު އަދި ހިދުމަތް ކުރިއަށްގެންދިއުމުގެ އެނަލިސިސް އެއް ހަދައި ރަނގަޅު ކުރެވެން ހުރި ކަންކަން ދެނެގަތުން ވެސް ހިމެނޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މީގެ އިތުރުން ސްޓެލްކޯއަށް އާ ކްރައިސިސް މެނޭޖްމަންޓް ޕްލޭނެއް ހަދާނެއެވެ. އެގޮތުން ކާރިސާތަކާ ގުޅިގެން އަމަލުކުރާނެ ގޮތާއި ކުންފުނީގެ އެތެރޭގައި ބޭނުން ކުރާނެ ކްރައިސިސް މެނޭޖްމަންޓް ފްރޭމް ވޯކްއެއް އެކުލަވާލުން ވެސް ހިމެނެއެވެ.
ކޮމްޕެނީ އެމާޖެންސީ ރެސްޕޮންސް ޓީމެއް ގާއިމްކޮށް، އެ މަސައްކަތަށް ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ޓީމެއް އެންޑީއެމްއިން ތަމްރީނު ކުރާނެއެވެ. އަދި ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތުގެ އަމަލީ އެކްސަސައިޒްތައް ކުރިއަށް ގެންދިއުމާއި ކުއްލި ހާލަތުގައި ރައްކާތެރިކަމާއެކު ސްޓެލްކޯގެ އިމާރާތްތަކުން މީހުން ހުސްކުރުމަށް މިހާރު އެކުލަވާލާފައިވާ ޕްލޭންތައް ވިލަރެސްކޮށް، އެފަދަ ޕްލޭންތައް އަޕްޑޭޓް ކުރުންވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގައި ވަރަށް ފުޅާކޮށް ކުންފުނިތަކުގެ ދައުރު ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ކުންފުނިތަކުން ކާރިސާގެ ވަގުތު އެންޑީއެމްއޭއާ އެކުގައި ކުރަން ކަނޑައަޅާފައިވާ ވަރަށް ބައިވަރު ދާއިރާތަކެއް އެބަހުރި ކަމަށާއި މަސައްކަތްތަކެއް ވެސް ފާހަގަކޮށްފައި އެބަހުރި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު