އިންޑިއާގެ ޑޮކްޓަރުންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ޑޮކްޓަރުންގެ ޕެނަލެއް އެކުލަވާލައިފިއެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން އަމުރު ކޮށްގެން އެކުލަވާލައިފައިވާ އެޕެނަލަކީ ޑޮކްޓަރުން ހިމެނޭ ގައުމީ ޓާސްކު ފޯހެއް ކަމަށް އޮފިޝަލުން ބުނެއެވެ.

ޑޮކްޓަރުންގެ ޓާސްކު ފޯސްގައި ހިމެނޭ ޕެނަލް މެދުވެރިކޮށް އެ ގައުމުގެ ޑޮކްޓަރުންނަށް މަސައްކަތުގެ މާހައުލުގައި ހުރި ދަތިތައް ބަލަައި ރަނގަޅު ކުރަންޖެހޭ ކަންކަން ހޯދައި ސަލާމަތީ ގޮތުން އެޅޭނެ ފިޔަވަޅުތައް ދިރާސާކޮށް އެއަށް އަމަލު ކުރުމަށް ކަމާބެހޭ ފަރާތްތަކަށްހުށަހެޅުން ހިމެނެއެވެ.

ސުޕްރީމް ކޯޓުން ވަނީ އެ ޕެނަލްއިން ކުރިޔަށް އޮތް ތިން ހަފުތާ ތެރޭ ރިޕޯޓު ތައްޔާރުކޮށް ހުށަހެޅުމަށް އަންގާފައެވެ. އަދި ފައިނަލް ރިޕޯޓު ދެމަސްތެރޭ ނިންމައި އެކަމަށް ގޮތެއް ނިންމުމަށް ހަމަޖެހިފައިވާކަމަށް ކޯޓުން ބުނެއެވެ.

ސުޕްރީމް ކޯޓުން ވަނީ ޑޮކްޓަރުންވެސް ވީހާވެސް އަވަހަށް މަސައްކަތަށް ނިކުތުމަށް އަންގާފައެވެ. އަދި ޑޮކްޓަރުންނަށް ބޭނުންވާ ސަލާމަތީ ކަންކަން ޔަގީން ކުރުމަށް ކަމާބެހޭ އިދާރާތަކަށް ކޯޓުން އަމުރުކޮށްފައިވެއެވެ. ކޯޓުން ވަނީ އިންޑިއާގެ މިލިޓަރީން ހޮސްޕިޓަލުތައް ހިމެނޭ ސަރަހައްދުގައި ފޯރިމެރުމަށްވެސް އަންގާފައެވެ.

އިންޑިއާގެ ކަލްކަތާގެ ހޮސްޕިޓަލެއްގައި މި މަހުގެ 9 ވަނަ ދުވަހު، ގުރޫޕަކުން އަންހެން ޑޮކްޓަރަކު ރޭޕުކޮށް މަރާލުމުގެ މައްސަލަ ފެންމަތިވެ އެކަމަށް އިންސާފު ހޯދުމަށާއި ރައްކާތެރި މާހައުލެއް ގާއިމު ކުރުމަށް ގޮވާލައި ޑޮކްޓަރުން ވަނީ މަގުތަކަށް ނިކުމެ ބޮޑެތި މުޒާހަރާތައް ފަށާފައެވެ.