ބުޅާ މަސް އަޅައިގެން ކާތަކެތި ތައްޔާރުކޮށް ވިއްކާ ކަމަށް ތުހުމަތުވާ ބިދޭސީ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލައިގައި ތުހުމަތު ކުރަނީ 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަރަފާތް ހޮސެއިން އަށެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އޭނާ ހައްޔަރުކުރީ މިއަދު ހެނދުނު 10:32 ހާއިރު މާލެއިން ކަމަށެވެ.

ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ ވެލްފެއާ ފޮ އައިލެންޑް ކެޓްސް (ޑަބްލިޔުއައިސީ) އަދި ފެލައިން ވެލްފެއާ އޯގަނައިޒޭޝަނުން ތުހުމަތުކުރާ ގޮތުގައި އެ ބިދޭސީ މީހާއަކީ މަގުމަތީގައި އުޅޭ ބުޅާތައް ހިފައިގެން ގޮސް، އެ އެއްޗެހި ކައްކައިގެން ކައި އުޅޭ މީހެކެވެ.

އޭގެ އިތުރުން އޭނާއަކީ ބުޅާމަސް ވިއްކައި އަދި އޭގެ މަހުން ކާތަކެތި ތައްޔާރުކޮށް ވިއްކާ މީހެއް ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

އޭނާ ހައްޔަރުކޮށްފައި މިވަނީ ތުހުމަތުތަކާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން އޭނާ ހޯދަން އިއުލާންކޮށްފައި ވަނިކޮށެވެ.