ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ސައުދީގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް ޒަމީރު އިއްޔެ ވަނީ ރަސްމީ ދަތުރެއްގައި ފަސް ދުވަހަށް ސައުދީއަށް ވަޑައިގެންފައެވެ. އެ ދަތުރުގައި އެ ގައުމުގެ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށް އެޑްރެސް ކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާ ސިޓީފުޅެއް ވެސް ޒަމީރު ރައްދުކުރައްވާނެއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ޒަމީރު، ސައުދީގެ ފޮރިން މިނިސްޓާ ބައްދަލުކުރައްވާފައި ވަނީ އެގައުމުގެ ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ކަމަށެވެ. އެ ބައްދަލުވުމުގައި ޒަމީރު ވަނީ ރައީސް މުއިއްޒުގެ ސިޓީފުޅު، ހަވާލުކޮށްދެއްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިގުތިސޯދީ ރޮނގުންނާއި ބައިނަލްއަގުވާމީ މަޝްރަހުގައި އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ޒަމީރު ވަނީ ސައުދީން، ރާއްޖެއަށް ދެމުންދާ އެހީތެރި ކަމަށް ޝުކުރު އަދާކުރައްވާފައި ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޒަމީރު ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު