ކ. ތުލުސްދޫގައި އިއްޔެއިން ފެށިގެން ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2024 ގެ ފުރަތަމަ ބުރުގެ ހީޓް ކާމިޔާބުކޮށް، ރާއްޖޭގެ ހޫދު މުހައްމަދު ތިންވަނަ ބުރަށް ދިޔަ އިރު، ފިރިހެން ޖޫނިއާ އިވެންޓްގެ ފުރަތަމަ ބުރުގައި ވެސް ދިވެހި ސާފަރުން ތަފާތު ދައްކައިފިއެވެ.

މިއަދު ފުރަތަމަ ފެށީ ފިރިހެން އޯޕަން ބައިގެ ފުރަތަމަ ބުރުގެ ނުނިމި އޮތް ހީޓްތަކުންނެވެ. ފުރަތަމަ ބުރުގެ 12 ވަނަ ހީޓްގައި ރާއްޖޭގެ އޭ ޓީމުގެ ހޫދު އަހުމަދު ތަފާތު ވެސް ދެއްކިއެވެ. އޭނާ އެ ހީޓް ކާމިޔާބު ކުރީ 9.16 ގެ ސްކޯއެއް ހޯދައިގެންނެވެ. ދެން ވާދަ ކުރި ސާފަރުންގެ ތެރެއިން ދެވަނަ ހޯދީ ކޮރެއާގެ ޖިންޔުކް ޔޭންގެވެ. އެއީ 6.86 ގެ ސްކޯއަކާ އެކުގައެވެ. ހީޓްގެ ތިންވަނައަށް ދިޔައީ ސައުދީ އަރަބިއާގެ އަބްދުﷲ އަލްހަޒްމީއެވެ. އެއީ 0.23 ގެ ދަށް ސްކޯއަކުންނެވެ.

އެ ނަތީޖާއާ އެކު ހޫދަށް ސީދާ ތިންވަނަ ބުރުން ޖާގަ ޔަގީންވި އިރު، އޭނާގެ އިތުރުން ދެން ރާއްޖޭގެ ސާފަރަކަށް، ސީދާ އެ ބުރަށް ދިޔައީ އަހުމަދު ހިޝާމް ޝަހީމެވެ. ދެން އެހެން އެތުލީޓުން ދިޔައީ ދެވަނަ ބުރަށެވެ. އެއީ ރެޕޯ ހީޓްތަކުގެ ބުރެވެ. މިއަދު ދެން ދެވަނަ ބުރަށް ދިޔަ ރާއްޖޭގެ ސާފަރަކީ ރާއްޖޭގެ ބީ ޓީމް، ޓީމް ތުލުސްދޫގެ ހަސަން ނާސިހެވެ. އޭނާ ހީޓް 13 ގައި ވާދަކޮށް އެ ހީޓްގެ ތިންވަނަ ހޯދިއެވެ. އެއީ 5.97 ގެ ސްކޯއަކުންނެވެ.

އެ ހީޓްގެ އެއްވަނަ ހޯދީ ސްރީ ލަންކާގެ ކޮކޫ ހަންނަޑިގޭ ލެސިތާ ޕްރަބާތެވެ. ދެވަނައަކީ ޗައިނާގެ ޒީހާއޯ ވޫއެވެ.

މިފަހަރު އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ޖޫނިއާ ފިރިހެން ބައިގައި 29 އެތުލީޓުން ވާދަކުރާ އިރު، މިއަދު ފަށާފައި ވަނީ ފުރަތަމަ ބުރުގެ ހީޓްތަކެވެ. އެ ހީޓްތަކުގައި ވާދަކުރީ ރާއްޖޭގެ ފަސް ސާފަރަކު ވަނީ ސީދާ ތިންވަނަ ބުރަށް ދަތުރު ކޮށްފައެވެ. އެއީ ހީޓްތަކުގެ އެއްވަނަ އާއި ދެވަނަ ހޯދައިގެންނެވެ.

ސީދާ ތިންވަނަ ބުރަށް ދިޔަ އެންމެ ފުރަތަމަ ޖޫނިއާ ދިވެހި އެތުލީޓަކީ ރާއްޖޭގެ ޖޫނިއާ ޓީމުގެ ކެޕްޓަން ސައްޔިދު ސަލާހުއްދީނެވެ. އޭނާ ވަނީ ހީޓް ތިނެއްގެ އެއްވަނަ ހޯދައިފައެވެ. އެ ހީޓްގެ ދެވަނައަށް ވެސް ދިޔައީ ރާއްޖޭގެ، ޓީމް ތުލުސްދުއަށް ނިސްބަތްވާ ކަޔާން އަރީފެވެ. ސައްޔިދު ވަނީ 6.43 ގެ ސްކޯއެއް ހީޓްގައި ހޯދައިފައެވެ. ކަޔާން ދެވަނަ ހޯދީ 6.23 ގެ ސްކޯއަކުންނެވެ. ދެން އެ ހީޓްގައި ވާދަ ކުރީ ތިންވަނައަށް ދިޔަ ތައިލެންޑްގެ ޓިން ޖޯންސަން އާއި ލުބުނާނުގެ ރަޔާން ހަކަވާތީއެވެ.

ޖޫނިއާ ހަތަރުވަނަ ހީޓްގެ އެއްވަނައަށް ރާއްޖޭގެ ކަޔާން ޒަކީ ދިޔަ އިރު، ދެވަނައަކީ ޓީމް ތުލުސްދޫގެ މުހައްމަދު އިނާނެވެ. އެ ހީޓްގައި ކަޔާން 9.20 ގެ ސްކޯއެއް ހޯދާފައިވާ އިރު، އިނާން ވަނީ 9.10 ގެ ސްކޯއެއް ހޯދައިފައެވެ. ތިންވަނައަށް ދިޔައީ ތައިލެންޑްގެ ނަޓްރީ ޖާރިޔާވަޓަނަވީޖިޓޭއެވެ. ހަތަރު ވަނައަކީ ސިންގަޕޫރުގެ ޖޫލިއެން މާކެވެ.

ހީޓް ފަހެއްގެ އެއްވަނަ ހޯދީ ރާއްޖޭގެ ޔާސިން އަހުމަދު ނާޝިދެވެ. އެއީ 9.17 ގެ ސްކޯއަކާ އެކުގައެވެ. ދެވަނައަށް ދިޔައީ ކޮރެއާގެ ދުހޫން ޔުންއެވެ. އެ ހީޓްގެ ތިންވަނައަކީ ސިންގަޕޫރުގެ އައިދިން ނަޒީރެވެ.

ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތިންވަނަ ދުވަސް (މާދަމާ) ފަށާނީ ފިރިހެން އޯޕަން ރެޕޯ ހީޓްތަކުންނެވެ.